މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފުކޮށްދެއްވައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލެވެ.

ފިރުޒުލް ވިދާޅުވީ ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދިޔަ ސަރުކާރުންވެފައިވާ ވައުދާ ހިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތައް މާފުކޮށްފައިވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ އެ ޖޫރިމަނާތައް މައާފުކޮށްދެއްވުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެހެންނަމަވެސް އޭރު 5 ސެޕްޓެމްބަރު އާ ހަމައަށް ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން 5 ސެޕްޓެމްބަރުން 16 ނޮވެންބަރުގެ ނިޔަލަށް ކޮށްފައިވާ ޕާކިން ޖޫރިނަމާތައްވެސް ގާނޫނުގައި ވާ ގޮތުގެ މަތިން މާފުކޮށްދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ޖޫރިނަމާ މައާފުވެފައިވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޕާކިން ޖޫރިމަނާ ކޮށްފައިވާ ހުރިހާ ރައްޔިތުންގެ ކިބައިން އެ ޖޫރިމަނާ މާފުކޮށްދެއްވާނެ ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 2018 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށްކޮށްފައިވާ ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށްދެއްވާފައެވެ.