ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދެއްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ މަޝްރޫއަށް ދޫކޮށްފައިވާ ޓްރެޒަރީ ލޯނު އަނބުރާ ދެއްކުން އިންޓަރަސްޓް ނުހިނގާ ގޮތަށް 1 އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަސްކޮށް ރީސްޓްރަކްޗާކުރުމަށް ރައީސް ނިންމަވައިފިވާ ކަމަށެވެ.

އެ ނިންމެވުން މާލީ ވުޒާރާއަށް އަންގަވާފައިވާ ކަމަށްވެސް ފިޒުޒުލް ވަނީ ވިދާޅުވެފައެވެ. އަދި އެހެންކަމުން ރައީސް މުއިއްޒުގެ އެ ވައުދުފުޅު ވެސް ހާސިލްވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ ވައުދާ އެއްގޮތަށް އެ ޓްރެޒަރީ ލޯނު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރައްވަމުން ގެންދަވާނެ ކަމަށާއި ކުރިއަށް އޮތް އެއް އަހަރު އެ ފްލެޓްތައް ލިބުނު ފަރާތްތަކުން އިންޓްރަސްޓް ނުހިނގާ ގޮތަށް ކުލި ދެއްކުން ފަސްކުރެވިފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް ދައްކަން ޖެހޭ އަގުގެ ލުއެއް ދިނުމުގެ ގޮތުން އެއް އަހަރު ދުވަހަށް ފަސްކޮށްދެއްވާނެ ކަމަށެވެ. އަދި ދައްކަން ޖެހޭ އަގު ބަހާލައިގެން ދެއްކޭނެ ފަދަ ލުއިގޮތެއް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.