ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރުމުން އަންނަ ޓާމިނަލްގެ މަޝްރޫއު އަންނަ އަހަރަށް އަވަސްކުރަން އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ރައީސް މުއިއްޒު ޗެއާކުރައްވާ ގޮތަށް އެއާޕޯޓް ޑިވެލޮޕްމެންޓް ކޮމިޓީއެއް ގާއިމުކުރެވިފައިވާ ކަމަށާއި އެ ކޮމިޓީގެ ދަށުން ހާއްސަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ އިކޮނޮމިކް ކައުންސިލާއި ކަމާ ގުޅުން ހުރި ވުޒާރާތައް ގުޅިގެން ގިނަ ގުނަ މަސްކަތްތަކެއް ކުރެވިގެންދާ ކަމަށާއި މިހާރު އޮތް ގޮތުން ޓާމިނަލް މަޝްރޫއުގެ މަސައްކަތް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދު ތެރެއިން ފަހު ކުއާޓަރުގެ މުއްދަތެއްގައި ކަމަށެވެ. އެހެންނަމަވެސް މިކަމަށް އެޅޭ އެންމެ މުހިއްމު އެންމެ މައިގަނޑު އަސާސީ ފިޔަވަޅެއްގެ ގޮތުގައިޓާމިނަލްގެ މަސްރޫއު ފުރިހަމަކުރުމުގެ ތާވަލު އަންނަ އަހަރުގެ ސެޕްޓްމެބަރަށް އަވަސްކޮށް އެ ތާވަލާ އެއްގޮތަށް މަސައްކަތްކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެ ނިންމުމާއެކު އޭގެ ވަށައިގެން ކުރަން ޖެހޭ އެކި އެކި މަސައްކަތްތައް ކަމާ ބެހޭ މުވައްސަސާތަކާއި ކުންފުނިތައް ގުޅިގެން ބާރަށް ކުރިއަށްދާ ކަމަށާއި ރައީސްގެ އަމާޒަކީ އެއާޕޯޓްގެ ޓާމިނަލްގެ މަޝްރޫއު ނިންމާ، 2024 ގެ ޕީކް ސީޒަނަށް ބޭނުންކުރެވޭ ހާލަތަށް ގެންދިއުން ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ފިރުޒުލް ވިދާޅުވީ އެ މަސައްކަތުގެ މިހާރުގެ ސްކޯޕް ބައްޓަން ކުރެވިފައި އޮތް ގޮތުން އޭގައި ހިމެނިފައި އޮތީ ހަމައެކަނި ޓާމިނަލްގެ މަސައްކަތްތައް ކަމަށާއި މީގެ ވަށައިގެ މީގެ ބޭނުން ހަގީގަތުގައި ހިފުމައްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ބޭރު ފަރާތު މަގާއި ޑިއުޓީ ފްރީ ސޮޕްތައް ތަރައްގީކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.