ގާޒާއަށް ބޭހާއި ބޯފެން ހިފައިގެން ދިޔަ ހާ އަށް އޮތް ޓްރަކަކަށް ހަމަލާ ދީ އެ އުޅަނދު ހަލާކު ކޮށްލައިފިއެވެ.
އެ ހާދިސާގައި ޓްރަކް ގެ ޑްރައިވަރަށް އަނިޔާވެފައި ވާ އިރު، އޭގައި ހުރި ބޭހާއި ބޯފެނުގެ އެތައް ސަތޭކަ ކޭހެއް އޮތީ މަގުމައްޗަށް ވެއްޓިފައެވެ.
މި ހަމަލާ ފަލަސްތީން ރެޑް ކްރެސެންޓުން ކުށްވެރި ކޮށްފައި ވީ ނަމަވެސް އިޒްރޭލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ހަމަލާތައް ދެމުން ގެންދާ އިރު، ގާޒާގައި މިހާރު ހަމަލާ އަމާޒު ނުކުރާ ތަނެއް ނެތެވެ. އުތުރަކީ ހަނގުރާމައިގެ މައިދާނެއް ކަމަށް ބުނެ، ދެކުނަށް ދާން އާންމު ރައްޔިތުންނަށް އިންޒާރު ކޮށް ދަތުރު ކުރަމުން ދާ ގާފިލާތަކަށް ވެސް ހަމަލާ ދެއެވެ. މެދުތެރެއިން ނުސެއިރަތު ރެފިއުޖީ ކޭމްޕާއި ދެކުނުން ހާން ޔޫނިސް އަށް ވެސް ދަނި ހަމަލާ ދެމުންނެވެ.
އެންމެ ވަރުދަގައަށް ހަމަލާތައް އަމާޒު ކުރަމުން ގެންދަނީ، އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިއަން ހޮސްޕިޓަލަށް ލޮޅުން އަރާވަރު ކައިރިއަށެވެ. އެގެ އިތުރުން އުތުރުގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ޖަބަލިއާ އަށް ވެސް ހަމަލާތައް އަމާޒު ކުރަމުން ގެންދެއެވެ.
މީގެ އިތުރުން ހުޅަނގު އައްސޭރީން އަގަބާ، ގަލްގީލިއާ އަދި ބަލަތާ އޭރިއާއަށް ވެސް ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.
އދ ގެ އިދާރާތަކުން ބުނީ، ތެލާއި، ފެނާއި ފުށް ހުސްވެ އަދި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހަލާކުވުމުގެ ސަބަބުން ގާޒާގައި ހުރި ހުރިހާ ބޭކަރީއެއް މިހާރު ވަނީ ބަންދު ކޮށްފައި ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ، އިޒްރޭލުގެ ހަމަލާތައް އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒު ކުރަމުން ދާ އިރު ބަލި މީހުން އުފުލާ އެންމިއުލާންސް ތަކަށް ވެސް ހަމަލާ ދެމުން ގެންދާ ކަމަށެވެ.
މިހާތަނަށް 10،328 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު 4000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ޑޮކްޓާސް ވިތް އައުޓް ބޯޑާސް އިން ވެސް ކަންބޮޑުވުން ފާޅު ކޮށް ބުނެފައި ވަނީ އިޒްރޭލުން ޑޮކަޓަރުންނާއި މެޑިކަން ސްޓާފުންނަށް ވެސް މިހާރު ހަމަލާ އަމާޒު ކުރަމުން ގެންދާ ކަމަށާއި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޑޮކަޓަރަކު މަރާލާފައި ވާ ކަމަށެވެ.
ޑިފެންސް ފޯ ޗިލްޑްރަން އިން ބުނީ، އިޒްރޭލުން ގަސްދުގައި ޓާގެޓް ކޮށްގެން ކުޑަކުދިން ޝަހީދު ކުރަމުން ގެންދަނީ އާދަޔާ ހިލާފު ރޭޓެއްގައި ކަމަށާއި މި ޖަރީމާ ވަގުތުން ހުއްޓުވަން ޖެހޭ ކަމަށެވެ.
ރޭ ސީއެންއެންގެ އަމަންޕޫރު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އިސް މުޝީރު ބުނީ، ހަމަލާތަކުގައި އާންމުންނާއި ކުޑަކުދިން ޝަހީދު ވަނީ ހަމާސް އިން، އެފަރާތްތައް އަންޑަނަ އަކަށް ހަދައިގެން ތިބޭތީ ކަމަށާއި، އާންމުން ގާޒާއިން ފައިބައިގެން ދާން އެތައް ފަހަރަކު އަންގާފައި ވާނެ ކަމަށެވެ.
އިއްޔެ އެންމެ ފަހުން ދިން އިންޒާރާ އެކު 5000 އެއްހާ މީހުން އަމާން ދިދަ ނަގައިގެން ފައިމަގުގައި 40 ކިލޯމީޓަރަށް ހުރަސްކޮށް ދެކުނަށް ގޮސްފައި ވެއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ނުދެވި 300،000 އެއްހާ މީހުން އަދިވެސް ގާޒާގެ އުތުރުގައި އެބަ ތިއްބެއެވެ. އެމީހުންގެ ތެރޭގައި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައި ތިބި ބަލި މީހުންނާއި ކުޑަކުދިންނާއި، ހަމަލާތަކުގައި ބޮޑެތި ޒަހަމްތައް ލިބި ހިނގާ ބިނގާވެ ނޫޅެވޭ މީހުންނާއި، ދުއްވާނެ ވެހިކަލެއް ނެތުމުގެ ސަބަބުން ދެވޭގެ ގޮތް ނެތި ތިބި މުސްކުޅިން ހިމެނެއެވެ.
ފަލަސްތީނުން ޝަހީދު ވި މީހުންގެ ތެރޭގައި ގިނައީ ހަމާސްގެ މެންބަރުން ކަމަށް ޔަހޫދީ މޫޝީރު ބުނުމުން އަމަންޕޫރު ވަނީ އެ ވާހަކައަށް ޗެލެންޖްކޮށް ފެންނަ މަންޒަރުތަކުން އެކަން ވަނީ އެހެން ނޫންކަން ސާބިތުވާ ކަމަށާއި ޝަހީދުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ. އަދި ހަމަލާތައް އަމާޒު ކުރަމުން ދަނީ ހޮސްޕިޓަލް ތަކާއި ސްކޫލުތަކާއި، އެނޫންވެސް ފެސިލިޓީތަކަށް ކަމަށް ވެސް ފެންނަ ކަމަށެވެ.
ޖަވާބުގައި ޔަހޫދީ ކަލޭގެ ބުނީ، އެތަނތާނގެ އަޑީގައި ހަމާސް އިން ބިންގަރާހާއި ޓަނަލްތައް ހަދައިގެން ތިބި ކަމަށެވެ.
ރޭ އަލްޖަޒީރާއިން ބުނީ، ޝައިހު ހަމަދު ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާ ދިނީ ހަމާސްގެ ޓަނަލެއް ހުރެގެން ކަމަށް ބުނެ ދެއްކި ވާހަކަ އާއި އާންމު ކުރި ވީޑިއޯ އަކީ ދޮގެއް ކަމަށެވެ. އެއާއެކު އާންމު ކުރި ތަހުގީގީ ރިޕޯޓުގައި ހޮސްޕިޓަލް ބިންގާ އެޅީންސުރެ އިޒްރޭލުން އެބުނާ ޓަނަލަކާ ހަމައަށް ކަންކަން ގޮސްފައި ވާ ގޮތް ދެއްކި އިރު ޓަނަލެއް ކަމަށް އެބުނާ ތަނަކީ، ހޮސްޕިޓަލްގެ ބޭސްމަންޓުގައި އުފެދޭ ހޫނު ބޭރުކުރަން ހަދާފައި ހުރި ވައިގޮޅިއެއް ކަމަށް ވަނީ ބުނެފައެވެ.
ހަމަލާތައް ހުއްޓާލުމަށް ދުނިޔެ ގޮވާލާ އިރުވެސް އެމެރިކާ އާއި އިޒްރޭލުން ބުނަމުން ދަނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި މިހާރު ޔަހޫދީ ސިފައިން ތިބީ ގާޒާގެ އެންމެ އެތެރެއަށް ވަދެފައި ކަމަށެވެ. އަދި ގާޒާގެ އުތުރު އެއްކޮށް ވަށާލައި ހަމާސްގެ ގިނަ އިމާރާތްތަކާއި ބިންގަރާސްތަކާއި ޓަނަލްތަކެއް ހަލާކުކޮށްލައިފި ކަމަށާއި ހަމާސްގެ ގާޒާ ގޮފީގެ ލީޑަރު ފިލަން ވަދެ އޮތީ ބަންކަރެއްގައި ކަމަށް ބުނެފައެވެ. އަދި އޭނާ ދަމާ ނެރެ މަރާލާނެ ކަމަށް ވެސް ރޭ ޔަހުދީ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައި ވެއެވެ. އޭނާ ބުނީ، އިޒްރޭލު ދެން ނުހުއްޓުވޭނެ ކަމަށާއި ހަމާސް އެއްކޮށް ނައްތާލާނެ ކަމަށެވެ.