އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް ހުށަހަޅާފައިވާ ޝަކުވާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާ އަދި ހިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކޮށް ނިންމައިފި ކަމަށެވެ. އަދި އެ ޝަކުވާއާއި ހިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން މިއަދު ޖަވާބު ދޭނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާލުވީ މިހާރު ކުރަމުން ގެންދަނީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު އާންމު ކުރުމަށް ކުރަންޖެހޭ ޗާޓުތަކުގެ މަސައްކަތް ކަމަށެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ. އެހެންކަމުން އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ މެންބަރުންގެ އަދަދު 93 އަށް އަރާނެއެވެ. އެއީ އަލަށް އިތުރުވި ހަ ދާއިރާއާ އެކީގައެވެ. އިތުރުވި ދާއިރާތަކަކީ ހުރާ ދާއިރާއާއި ހުޅުމާލެ މެދު ދާއިރާއާއި ހުޅުމާލެ އުތުރު ދާއިރާއާއި ކޮލަމާފުށި ދާއިރާއާއި ފޭދޫ އުތުރު ދާއިރާ އަދި ހިތާދޫ ދާއިރާއެވެ.

އަންނަ އަހަރުގެ ރައްޔިތުން މަޖިލީހުގައި ބައެއް ދާއިރާތަކުގެ ނަމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.