މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް، އަބްދުﷲ ޝަރީފު ރިޓަޔާ ކުރައްވައިފިއެވެ.

ކަސްޓަމްސް އިން ބުނީ، ޝަރީފް މަގާމުން މިއަދު ރިޓަޔާ ކުރެއްވީ ކަސްޓަމްސް އަށް 28 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ކަމަށެވެ.

ޝަރީފުގެ ސީޖީކަމުގައި ކަސްޓަމްސް އަށް ބޮޑު ކުރިއެރިމެއް ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

2020 ވަނަ އަހަރުން ފެށިގެން ސީޖީގެ ހައިސިއްޔަތުން، ޕްރޮސީޖާތައް އޮޓޮމޭޓް ކުރުމާއި، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާއި، އެމްސީއެސްގައި އިންޓެގުރިޓީ ޗެމްޕިއަން ކުރުމަށް އޭނާ އިސްކޮށް އުޅުއްވި، ފުރިހަމަ ރިޓަޔަމަންޓަކަށް އެދެން،
ކަސްޓަމްސް

ޝަރީފް ކަސްޓަމްސްގެ ސީޖީގެ މަގާމަށް އައްޔަން ކުރީ ޖޫން 2020ގައެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން އަވަހާރަ ވުމުންނެވެ. އޭރު ޝަރީފު ފުރުއްވަމުން ގެންދެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމެވެ.

އަބްދުﷲ ޝަރީފަކީ ކަސްޓަމްސްގެ ތެރޭގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ކަސްޓަމްސް އަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް ވެސް ވަނީ ދީފައެވެ.