ފަލަސްތީނަށް ނިއުކްލިއާ ބޮމެއް އެޅުމަށް ގޮވާލާ، އިޒްރޭލްގެ ހެރިޓޭޖު މިނިސްޓަރު އަމިޗޭ އެލީޔާހޫ ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ނުރައްކާތެރި ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި ވަޒީރަކު އެފަދަ ވާހަކައެއް ދެއްކުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އަމަލު ކުރަމުންދާއިރު އެކަމާ ގުޅިގެން އިސްރޭލުގެ ސަރުކާރުން ފިޔަވަޅު ނާޅާކަން ފާހަގަކޮށް ސަރުކާރުން ވަނީ އެކަންކަން ބެލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މިހާރުން މިހާރަށް މި ކަމާ ގުޅިގެން ފިޔަވަޅު އަޅާ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އިިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްނޭޅުމަށް ވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރު މިހާރު ވަނީ އިޒްރޭލުގެ ސަރުކާރުން ވަކި ގޮތެއް އަންގަންދެން ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.

މި ދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދެމުންދާއިރު، މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 9770 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.