ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރު އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބެލެހެއްޓުން ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ފަހު ކަމަށް، މަޖިލީހުގެ އިދާރާގެ ފަރާތުން މިއަދު ބުނެފިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ހުށަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، މަޖިލީހުގެ ރައީސަށާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންނަށް ރިޔާސަތާ ހަވާލުވެވެން އޮންނަ އިރު، ދުނިޔޭގެ އެހެން ގައުމުތަކުން އަމަލުކުރަނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ފަރާތުން ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ގޮތަށް، އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި ވެސް އެ މަޖިލިސްތަކުގެ ރައީސުން މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަކި ބޭފުޅަކު ބަލަހައްޓަވާ ގޮތަށް ނެތް ކަމަށެވެ.

ނަމަވެސް ފިލްޒާ ވިދާޅުވީ، މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއް ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސަށް އެކަނި ބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައި ވަނީ ސަބަބުތައް ހުރެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސަބަބުތައް ބަޔާންކުރައްވަމުން ފިލްޒާ ވިދާޅުވީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަކީ މަޖިލީހުގައި އަންނާނެ އެންމެ މުހިންމު އެއް މައްސަލަ ކަމަށާއި، އެހެންކަމުން އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓުމަށް ހަވާލުވާނީ ދެން މަޖިލީހުގެ އެންމެ އިސް ބޭފުޅާ ކަމަށްވާ ނައިބު ރައީސަށް ވާތީ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ރައީސް ނެތް ހާލަތުގައި ހުރިހާ ޒިންމާތަކެއް އަދާކުރައްވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. އެ ޒިންމާތައް މަޖިލީހުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތާ ހަވާލުވާ މެންބަރުންނަށް ފުރޮޅިގެން ނުދާނެ ކަމަށް ފިލްޒާ ވިދާޅުވިއެވެ

އެ މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނީ ވަކި މައްސަލަތަކެއްގައި ކަން ފިލްޒާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގައި ވަކި މާއްދާ އެއް ވަކި ގޮތަކަށް ބަޔާންކޮށްފައި އޮއްވާ، އާންމު އިޖުރާއަތްތަކުން މާނައެއް ނަގައިގެން ވަކި ބޭފުޅަކު މެންބަރަކު ރިޔާސަތު ބަލަހައްޓަން ކަނޑައެޅިދާނެ ކަމަށް މަޖިލީހުގެ އިދާރާ އަކަށް ގަބޫލެއް ނުކުރެއްވެއެވެ.

ފިލްޒާ އެހެން ވިދާޅުވުމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި މަޖިލީހުގައި އެޅޭ މަރުތަޅު ފިލުވާނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ.

ޖަވާބުގައި އޭނާ ވިދާޅުވީ، މަޖިލީހަށް ކުރިމަތިވެފައިވާ ހާލަތުން އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް، މަސައްކަތްތައް ހުއްޓޭނެ ހާލަތެއް ނެތް ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުން ބަލައިގެންފައިވާ ގަރާރު، މަޖިލީހުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަދި ޖަލްސާ އަށް ހުށަނޭޅޭކަން ފިލްޒާ ފާހަގަކުރެއްވިއެވެ.

ފިލްޒާ ވިދާޅުވީ، ގަރާރު އެއްވެސް ގޮތަކަށް ހުށަނޭޅުމުގެ ފުރުސަތު އޮވެދާނެ ފަދަ ހާލަތަކަށްޓަކައި މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ އިދާރާގެ ފަރާތުން މިހާރު ވެސް ވާނީ އެ ލަފާ ދީފައި ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތުމުން އާންމު ޖަލްސާއެއްގައި މަޖިލީހުގެ ގަވައިދު އިސްލާހުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.