އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ. މި އަކުރުގައި ވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރާނަމަ އެ ނިންމުމެއް ނިންމާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައާ މެދު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދިހަމައެއާއެކު އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލު ވަނީ މި ބިލުގައި ކަނޑައަޅާފައެވެ. މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ މަތީގައި ބަޔާންކުރެވުނު 5 ދުވަސް ހަމަވާ ވަގުތުން ފެށިގެންކަމުގައި ވެސް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.