ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުދާތީ ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ގޮތެއް ނުނިންމަނީސް، ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގެ މައްސަލަ އެޖެންޑާނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނިންމައިފިއެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް އެމްޑީޕީން މައްސަލައެއް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

އެ ކޯޓުން ހޯމަ ދުވަހު މައްސަލަ ބަލައިގަނެ، މާދަމާ އަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އެހެންވެ، އީވާ ވަނީ ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ދެކޮޅުކަން ހާމަކުރައްވައި އަމީންއާންމު ފާތިމަތު ނިއުޝާ އަށް ރޭ ސިޓީ އެއް ފޮނުއްވައިފައެވެ. އެ ސިޓީގައި އީވާ ވިދާޅުވީ:

  • ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހެޅިފައި އޮއްވާ މަޖިލީހުން ވަކި ގޮތެއް އިހްތިޔާރުކޮށްގެން މީގެ ކުރިން ކުރިއަށް ނުދާ ކަމަށް
  • ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިފައި އޮއްވާ އެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަކީ މައްސަލަ އަށް ނުފޫޒު ފޯރުވުން ކަމަށް

ނަމަވެސް އީވާގެ އުޒުރުތައް ގަބޫލުކުރަން ދެކޮޅު ހަދައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާއި ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައަކީ ތަފާތު ދެ ކަމެއް ކަމަށާއި، ނިމިދިޔަ އޮކްޓޯބަރު މަހުގެ 31 ގައި އީވާ އަށް އެކަން އަންގާފައިވާނެ ކަމަށެވެ.

އޭގެ ފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މަޖިލީހުގެ އިދާރާ އިން ބުނީ، އީވާ އުޒުރުވެރިވަޑައިގަތުމުން ނަޝީދު މަގާމުން ވަކިކުރާ މައްސަލަ ދެން އެޖެންޑާ ނުކުރާނެ ކަމަށެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މަސައްކަތް އެންމެ ފުރަތަމަ އެޖެންޑާކުރީ މިދިޔަ އާދީއްތަ ދުވަހަށެވެ. އޭގެ ފަހުން އަންގާރަ ދުވަސް ފިޔަވައި، މިއަދާ ހަމައަށް އެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ޖަލްސާތައް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް މިވަގުތު ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އީވާ އުޅުއްވާތީ ސަލާމް ވިދާޅުވުމުން ޖަލްސާތައް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ.