އިންޑިއާގައި ކުރިއަށް ދާ އައިސީސީ މެންސް ވޯލްޑްކަޕް ކްރިކެޓުގެ ފައިނަލް މެޗް އޮންނަ ނޮވެމްބަރު 19، 2023 ގައި އެއާ އިންޑިއާ ގޮއްވާލާނެ ކަމަށް ބުނެ ސިކްސް ފޯ ޖަސްޓިސް (އެސްއެފްޖޭ) ގެ ފައުންޑަރު ގްރްޕަތްވަންތް ސިންގް ޕަންނޫން އިންޒާރު ދީފިއެވެ.

އިންޑިއާ އިން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައި ވާ ޕަންނޫން އިންޒާރު ދީ ވީޑިއޯ އެއް އާންމު ކޮށްފައި ވާ އިރު، އެއީ އޭއައި ޖެނެރޭޓަޑް ކެރެކްޓާއެއް ކަމެއް ނުވަތަ އަސްލު ޕަންނޫން ކަމެއް އެއްވެސް އިދާރާއަކުން އަދި ޔަގީން ކޮށެއް ނުދެއެވެ.

ކޯޓުފަޓުލޫނުގައި ހުރެ ޕަންނޫން ބުނެފައި ވަނީ، އެ ދުވަހުގެ އެއާ އިންޑިއާގެ ފްލައިޓުން ސިކުންގެ އެއްވެސް މީހަކު ދަތުރު ނުކުރުމަށާއި އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ. އަދި އެ ދުވަހު އެއާ އިންޑިއާ އަށް އުދުހޭކަށް ނުކެރޭނެ ކަމަށް ވެސް އޭނާގެ އިންޒާރުގެ ވީޑިއޯގައި ބުނެއެވެ.

އޭގެ އިތުރުން ބުނީ، އެދުވަހު އެއާ އިންޑިއާ މުޅި ދުނިޔެއަށް ހުއްޓޭނެ ކަމަށާއި ދިއްލީގެ އިންދިރާ ގާނދީ އެއާޕޯޓްވެސް އެ ދުވަހު އޮންނާނީ ބަންދު ކޮށްފައި ކަމަށެވެ. އަދި އެ ދުވަހަށް ފަހު އެ އެއާޕޯޓުގެ ނަންވެސް ބަދަލުވެގެން ދާނެ ކަމަށާއި ދެން ކިޔާނީ، ބީންތް ސިންގް އަދި ސާވަންތް ސިންގް ކާލިސްތާން އެއާޕޯޓް ކަމަށެވެ.

އޭގެ އިތުރުން ޕަންޖާބު މިނިވަން ވާނެ ކަމަށް ވެސް އޭނާ އެ ވީޑިއޯގައި ބުނެއެވެ.

ޕަންޖާބަކީ އިންޑިއާ ސަރުކާރާ ވަކިވެ ގަނެ ކާލިސްތާން ގެ ނަމުގައި ވަކި ސަރުކާރެއް އުފައްދަން މަސައްކަތް ކުރާ ސަރަހައްދެކެވެ. އެ ޖަމާއަތަކީވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިންޑިއާ އިން ކަނޑައަަޅާފައި ވާ އިރު، އެ ޖަމާއަތުގެ އެއް ލީޑަރު ދާދި ފަހުން ވަނީ ކެނެޑާގައި މަރާލާފައެވެ. އޭނާ މަރާލީ އިންޑިއާގެ އެޖެންޓުން ކަމަށް ކެނެޑާއިން ބުނުމުން އެ ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވެ، ވިސާ ހުއްޓާލައި ދެގައުމުގައި ތިބި ޑިޕްލޮމޭޓުން އަނބުރާ ގެންގޮސްފައި ވެސް ވެއެވެ. ނަމަވެސް މިހާރު ވިސާގެ ހިދުމަތް އަލުން ވަނީ ފަށާފައެވެ.

އެއާޕޯޓުގެ ނަން ބަދަލުކުރަން އޭނާ އެ ބުނާ ދެމީހުންނަކީ ވެސް މީގެ ކުރިން މަރާލާފައި ވާ ދެމީހުންނެވެ.