ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިންނަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެކޮޅު ހެއްދެވި ނަމަވެސް އެ އުޒުރު ގަބޫލުކުރަން މަޖިލީހުގެ އިދާރާއިން ދެކޮޅު ހަދައިފި އެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައި ނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެ ކޯޓުން މިދިޔަ ހޯމަ ދުވަހު މައްސަލަ ބަލައިގަތުމަށް ފަހު، މާދަމާ އަށް އަޑުއެހުމެއް ވަނީ ތާވަލު ކޮށްފައެވެ.

ރޭގެ ވަގުތެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި، ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި ނީންނަވާނެކަން ހާމަކުރައްވައި އީވާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތަކާ މެދު ވަކި ގޮތެއް ކޯޓުން ނިންމުމުގެ ކުރިން މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިއަށް ދިއުމަކީ މީގެ ކުރިން އަމަލު ކުރަމުން ދިޔަ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައާ މެދު ވަކި ގޮތެއް ކޯޓުން ނިންމަންދެން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް އެ ސިޓީގައި އީވާ ވިދާޅުވެފައި ވެއެވެ.

އީވާގެ ސިޓީއާ ގުޅިގެން މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އީވާގެ އެ އުޒުރު މަޖިލީހުގެ އިދާރާއިން ގަބޫލު ނުކުރާ ކަމަށެވެ.

އެގޮތުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ކަމަށް ޒިޔާއު ވަނީ ފާހަގަ ކުރައްވާފައެވެ.

"އެހެންކަމުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ތަފާތު ދެ ކަމެއް ކަމަށް މަޖިލީހުގެ އިދާރާއަށް ގަބޫލުކުރެވެނީ،" ޒިޔާއު ވިދާޅުވި އެވެ. މީގެ ކުރިން ހުސްވި އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުވެސް މިކަން އީވާއަށް އަންގާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް މިއަދަށް ވެސް ޖަލްސާ ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައެވެ. މިއަދުގެ ޖަލްސާ ވެސް ކެންސަލް ކުރަން ޖެހުނީ އީވާ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވުމުންނެވެ.