ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑައިގަތުމުގެ އިތުރުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒު ކަމަށް އިންތިހާބީ ނައިބް ރައީސް އަދި ފަރެސްމާތޮޑާ ދައިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް(ސެންބެ) ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހު ގެނެސްދިން ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒު އާއި މިހާތަނަށް ބައްދަލުވެ ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް އެމަނިކުފާނު އެންމެ ބޮޑަށް ވާހަކަ ދައްކަވާ އަދި އިސްކަން ދެއްވަނީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.

އަދި ހަމައެހެންމެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ބައްދަލު ކުރެއްވި ބޭރުގެ ސަފީރުންނާއި، ޖަމްއިއްޔާތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި ވެސް ސަރުކާރު ހިންގެވުމުގައި ވައުދުތައް ފުއްދެވުމާއި، ރައްޔިތުންނަށް ޖަވަބުދާރީވެ ވަޑައިގެންނެވުމާ ގުޅޭގޮތުން އެކިވާކަތައް ހިއްސާ ކުރައްވާފައިވާ ކަމަށް ސެންބެ ވިދާޅުވެފައި ވެއެވެ.

އިންތިހާބު ނިމުނު ފަހުންވެސް މުއިއްޒު އެންމެ ބޮޑަށް ދެއްކެވި ވާހަކަ އަކީ އެއީ ކަން ފާހަގަ ކުރައްވާ ސެންބެ ވިދާޅުވީ "އަޅުގަނޑުގެ ކައިރީގައި އެތައް ދުވަހަކު ވިދާޅުވެއްޖެ ސެންބެއޭ ވަރަށް ވައުދު ވެފައޭ މިހިރީ. ވައުދު ވެފައިވާ ކަންތައްތައް ފުއްދުމަކީ ތިމަންނާގެ މައްޗަށް ވާޖިބެކޭ." ސެންބެ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި އެމަނިކުފާނު ވަނީ ނާއިބު ރައީސް މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ނާއިބު ރައީސްކަން ކުރެއްވި ބޭބޭފުޅުންނާއި ބޮޑަށް ހަވާލުވެވަޑައިގެން މަސައްކަތްކުރައްވާފައި ވަނީ އިޖުތިމާއީ ދާއިރާގެ މަސައްކަތްތައް ކަން ފާހަގަ ކުރައްވާ ސެންބެ ވިދާޅުވީ ގައުމީ މަސައްކަތާއި އިޖްތިމާއީ ދާއިރާގެ މަސައްކަތްތައް ވެސް ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި މެނިފެސްޓޯ ތަންފީޒްކުރެވޭ ގޮތް ބެލެހެއްޓުމުގެ ޒިންމާއެއް ހަވާލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވެފައިވާކަމަށާއި އެކަން ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އިންތިހާބީ ނައިބު ރައީސް ވަނީ އެ މަގާމަށް އެމަނިކުފާނު އިންތިހާބު ނުވިނަމަ ވިސްނަވައިގެން ހުންނެވީ ކުޅިވަރުގެ ދާއިރާއާއި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުގައި ޕާޓީގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ކަމަށް ވިދާޅުވެފަ އެވެ.