އިޒްރޭލުން އެއްގަމު މަގުން ގާޒާ އަށް އެރުމަށް ފެށި އޮޕަރޭޝަނަށް ހަފްތާއަކަށް ވެފައި ވާ އިރު، ގާޒާ ސިޓީ އާއި ގާޒާ ވަކިކޮށްލައި ގާޒާ ސިޓީ ވަށާލާފައި ވާ އިރު، ހަމާސް އިން ބުނަމުން ދަނީ، ގާޒާ ސިޓީގެ ތެރެއަށް ވަންނަ ޔަހޫދީ ސިފައިން އަނބުރާ ގެންދަން ޖެހޭނީ ކަޅު ކޮތަޅުތަކުގައި ކަމަށެވެ.
ހަމާސް އިން އެ އިޝާރާތް ކުރަނީ އެންމެން މަރާލާނެ ކަމަށާއި އަނބުރާ ގެންދަން ޖެހެނީ ޔަހޫދީ ސިފައިންގެ ފުރާނަ ނެތް މަސްގަނޑު ކަމަށެވެ.
ހަނގުރާމަ ފެށިފަހުން ޔަހޫދީ ސިފައިން 320 މީހަކު މަރާލާފައި ވާ އިރު، އެއްގަމު މަގުން ގާޒާ އަށް އަރަން ފެށިފަހުން ވެސް 21 ސިފައިން ވަނީ މަރާލާފައެވެ. މިއީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން އާންމު ކުރާ އަދަދުތައް ނަމަވެސް މި އަދަދުތައް މިއަށް ވުރެ ވަތިވާނެ ކަމަސް މުރާސިލުން ބުނެއެވެ.
ހަމާސްގެ ބައެއް އެކައުންޓަކުން ވެސް ޔަހޫދީ ސިދައިން މަރާލާފައި ވާކަން ހާމަ ކޮށްފައި ވީ ނަމަވެސް ސީދާ އަދަދެއް ސާފުކޮށް ބުނެފައެއް ނުވެއެވެ.
އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ޑެނިއަލް ހަގަރީ ބުނީ، އިޒްރޭލު ސިފައިން މިހާރު ވަނީ ގާޒާ ސިޓީ [އިޒްރޭލާ އެންމެ ކައިރިއަށް އޮންނަ ސިޓީ] ވަށާލާފައި ކަމަށާއި، އެއްގަމާއި ވަޔާއި އަދި ކަނޑުމަގުން ހަމަލާ ދެމުން ގެންދާ ކަމަށެވެ.
މިހަމަލާތަކުގެ ތެރެއިން ގަސްދުގައި އަމާޒުކޮށް ރެފިއުޖީ ކޭމްޕްތަކާއި ހަމަލާތަކުން ރައްކާތެރިވުމަށް ގިނަ އަދަދެއްގެ އާންމުން އެއްވެ ތިބޭ ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް ހަމަލާ ދެމުން ގެންދާ އިރު، ގާޒާ ސިޓީގައި އޮންނަ މައިގަނޑު 3 ކޭމްޕުގެ މެދަށް ބޮން އަޅާ ވަނި ސުންނާފަތި ކޮށްލާފައެވެ.
އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާ އަށް ވައްޓާލި އެތޮމިކް ބިމުގެ 2 ބޮމާ އެއްވަރަށް އިޒްރޭލުން މިހާރުވެސް ގާޒާއަށް ބޮން އަޅާފައި ވާ އިރު، ޝަހީދުވި މީހުންގެ އަދަދު ވަނީ 9061 އަށް އަރާފައެވެ. ނުފެންނަ 4000 މީހަކު ވާއިރު ޝަހީދުގެ ކުޑަކުދިންގެ އަދަދު 3500 އަށް ވުރެ މައްޗަށް އަރައެވެ.
ގާޒާގައި ތިރިއުޅޭ 1.2 މިލިއަން މީހުން ހިމެނޭހެން އެންމެން ޝަހީދު ކޮށް ހުސްކޮށްލަން ޖެހުނަސް ހަނގުރާމަ ހުއްޓާނުލާން އަޒުމު ކަނޑައަޅައިގެން ތިބި ޔަހޫދީ ސިފައިންގެ އިސް އޮފިޝަލަކު ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ހަނގުރާމައިގެ ހަމައެކަނި އަމާޒަކީ ހަމާސް އެކަނި ނޫން ކަމަށާއި ޕަލަސްތީނުގެ އާންމު ރައްޔިތުންނަކީވެސް އަމާޒެއް ކަމަށެވެ.
އިންސާނީ ގަތުލުއާންމެއް ހިންގާ ކަމަށް ލަފްޒުން ލަފްޒަށް އެއްބަސް ނުވިނަމަވެސް އިޒްރޭލުގެ ހަރުކަށި ލީޑަރުން ބުނަމުން ދަނީ ފަލަސްތީނުގައި ދިރިއުޅޭނީ އިންސާނުން ނޫން ކަމަށާއި އެއީ މޯންސްޓާސް ނުވަތަ ޖަނަވާރުތަކެއް ކަމަށެވެ. އަދި އެމީހުން ގަބޫލު ކުރާ ތައުރާތުގައި އޮންނަ ގޮތުން، އަދާވާތްތެރި ކޮންމެ މީހަކީ ދުޝްމަނެއް ކަމަށާއި އެގޮތުން ފަލަސްތީނުގައި ތިބި އެންމެން މަރާ ހުސްކުރަން އެމީހުންނަށް ވާޖިބުވާނެއެވެ.