އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ގާޒާ ސިޓީ އާއި ގާޒާ ވަކިކޮށްލައި މަގެއް ހަދާ 4 ސަރަހައްދަކުން ފޯރިމަރަމުން ދަނިކޮށް ރޭގެ ހަމަލާތަކުގައި 10 ސިފައިން މަރާލައިފިއެވެ.
ޔަހޫދީ ސިފައިންގެ 84 ވަނަ 'ގިވެޓީ' ބްރިގޭޑްގެ 10 ސިފައިން ރޭ ޓޭންކަރުގައި ގާޒާއަށް ވަނީ އެއްގަމުން ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ބައިވެރި ވުމަށެވެ.
ވައިގެ މަގުންނާއި، ކަނޑުމަގުން އަދި އެއްގަމުން ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ އިރު، ޔަހުދީ ސިފައިންނަށް ލިބެމުން ދާ އަނިޔާ އާއި މަރުވަމުން ދާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ.
ހަމާސްގެ މުޖާހިދުން ޖަހާފައި ހުންނަ ދަންތުރަތަކަށް އެރި ނިކަން ފަސޭހައިން މިވެރިން މަރުވަމުން ދާ އިރު ރޭ ގާޒާއަށް ވަން ގިވެޓީ ބްރިގޭޑް ގެ 10 ސިފައިން މަރުވީ ހަމާސް އިން ދިން ގައިޑެޑް އެންޓި ޓޭންކް މިސައިލް ހަމަލާއެއްގައެވެ. 10 ޔަހޫދީންގެ ފުރާނަ ގެއްލި ދިޔަ ހާދިސާގައި ޓޭންކަރުގައި ތިބި މީހުން ކުދިކުދި ވި އިރު ޓޭންކަރާ އެކީ އެއްވަރަކަށް ހިނގާފައި ދިޔަ މީހުންވެސް ދިޔައީ ބުރައިގެންނެވެ.
މިއީ އެއްގަމުގެ ހަމަލާތަކުގައި މަރުވި ކަމަށް އިޒްރޭލުގެ އެކައުންޓްތަކުން ކުރިން އާންމު ކުރި 11 މީހުންގެ އިތުރުން މަރުވި މީހުންނެވެ. އެއްގަމުގެ އޮޕަރޭޝަން ފެށި ދުވަހު ގާޒާގެ ބޯޑަރުން ހަމާސްގެ މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލުގެ 230 ސިފައިން މަރުވި އިރު އެއްގަމު މަގުން ގާޒާއަށް ވަން ފަހުން ދެދުވަހެއްގެ މަތިން 11 މީހަކު މަރުވެފައި ވެއެވެ. އަދި ތަފާތު އެކިއެކި ސަރަހައްދުތަކުގައި ހިނގަމުން ދާ ކުރިމަތިލުންތަކުގައި 90 ސިފައިން މަރުވި ކަމަށް ހަބަރުތައް ބުނެއެވެ.
މިއާއެކު މަރުވި ސިފައިންގެ ޖުމްލަ 330 އަށް އެރީއެވެ.
މެދުއިރުމަތީގެ އެންމެ ވަރުގަދަ އަސްކަރީ ބާރު އަދި ދުނިޔޭގެ 4 ވަނަ އަށް އެންމެ ވަރުގަދަ އަސްކަރީ ބާރު ކަަމަށް ހުޅަނގުން ލިސްޓު ކޮށްފައި އޮންނަ އިޒްރޭލު ސިފައިން ހަމާސް އާ ކުރިމަތިލައި މި ލިބޭ ބޮޑު ގެއްލުމުގެ މައްސަލޭގައި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ދެބަސްވުންތައް ވެސް ވަނީ އުފެދިފައެވެ. ބައެއް މަންބަރުން ރޮއެ ކަންބޮޑުވުން ފާޅުކޮށްފައި ވާ އިރު، ޔަހޫދީންނަށް ގާޒާގެ ތެރެއިން ލިބޭ ގެއްލުމާއި އަނިޔާގެ މައުލޫމާތު އާންމުކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދަނީ، ޔަހޫދީންނަށް ލިބެމުން ދާ ގެއްލުން ބޮޑުކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރާއި، އިސް ޖެނެރަލުންނާ ދެމެދު ހިޔާލު ތަފާތުވެ ނުތަނަވަސްކަން އުފެދިފައި ވާ އެއް މައްސަލައަކީވެސް އެއީ ކަމަށެވެ.
ގާޒާގެ އެތަން މިތާނގައި ހަމަލާ ބަދަލުކުރަމުން ދާ އިރު ހަމާސްގެ މަސްދަރުތަކުން ބުނެފައި ވަނީ އިޒްރޭލު ސިފައިންގެ ގިނަ ބަޔަކު މަރާލެވިފައި ވާ ކަމަށެވެ. އަދި އެމީހުންގެ އެތައް ބައިވަރު ޓޭންކަރުތަކެއް ވެސް ހަލާކުކޮށްލާފައި ވާ ކަމަށް ބުނެއެވެ.
ހަމާސްގެ ފަޅިން މަރުވި މީހުންގެ ސާފު އަދަދުތަކެއް އަދި ނުލިބެއެވެ.