އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ދާދި ފަހުން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވި ކަމަށާއި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއަށް ތާއީދު ކުރާ ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކޮށްފައިވާ ކަމަށާއި އިންޑިއާއަށް ތާއީދުކުރާ ކެންޑިޑޭޓް ބަލިވެފައިވާ ކަމަށެވެ.

ނޫސްވެރިން އެމަނިކުފާނަށް ގުޅައި އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ސުވާލު ކުރަމުން ދިޔަ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ނޫސްވެރިންނަށް ޖަވާބުދެއްވަމުން އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ތާއީދު ކުރައްވާ ކަމަށާއި އެމަނިކުފާނުގެ ރަހުމަތްތެރިއެއްގެ ގޮތުގައި ލޭބަލް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް މުއިއްޒަކީ ޗައިނާ ނުވަތަ އިންޑިއާއަށް ތާއީދުކުރާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރުމަކީ އެމަނިކުފާނަށް އުނދަގޫ ކަމެއް ކަމަށާއި އިންތިހާބީ ރައީސަކީ "ފުރަތަމަ ރާއްޖެ" ސިޔާސަތުގެ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިންތިހާބަކީ ދިވެހި ކެންޑިޑޭޓުންނާއި، ދިވެހިންގެ މައްސަލަތަކާއި، ރާއްޖޭގެ އަމަންއަމާންކަމާއި ސަމާލުކަން ދޭންޖެހޭ އިންތިހާބަކަށް ވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވެރިކަމަށް އަންނަ ކޮންމެ ބޭފުޅަކު ވެސް ހުންނަވާނީ ހަމަ އެގޮތަށް ކަން ޔަގީން ކުރައްވާ ކަަމށް ނަޝީދު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސްރީލަންކާ، އިންޑިއާ އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އެކީ ކުރިއަށް ދާ ހާރިޖީ ސިޔާސަތެއް ރާއްޖެއިން ގެންގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މުއިއްޒު އަށް ތާއީދު ކުރައްވާ ކަަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައީސް ނަޝީދަށް އެއްވެސް އިރަކު އިތުބާރު ނުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖީލީހަށް ހުށަހަޅައި ނަޝީދު މަގާމުން ވަކި ކުރުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ.