ގާޒާގައި ހުންނަ އަލްޖަޒީރާގެ ބިއުރޯގެ ބްރޯޑްކާސްޓް އިންޖިނިއަރެއް ކަމަށްވާ މުހައްމަދު އަބޫ އަލް ކުމްސަންގެ އާއިލާ ތިބި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އޭނާގެ ބައްޕަ އާއި ދެ ބެއިން ހިމެނޭ ގޮތަށް އާއިލާގެ 19 މީހަކު ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ދިން ބޮމުގެ ހަމަލާގެ ސަބަބުން އެސްއެންޖީގެ ހާއްސަ އިންޖިނިއަރު މުހައްމަދު އަބޫ އަލް ކުމްސަންގެ އާއިލާގެ 19 މީހަކު ޝަހީދުކޮށްލި ހާދިސާ އަލްޖަޒީރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާގައި މުހައްމަދުގެ ބައްޕައާއި ދެ ބެއިންނާއި އަށް ދައްތަ ކޮއްކޮއާއި އޭނާގެ ބޭބެއާއި، ބޭބެގެ އަންހެނުންނާއި އަދި އެމީހުންގެ ހަތަރު ދަރިންގެ އިތުރުން، ބޮޑުބޭބެއަކާއި ބޭބެއެއްގެ އަންހެނުން ވަނީ ޝަހީދުވެފަ."

އިޒްރޭލުން ހުއްޓުމެއް ނެތި ދެމުން އަންނަ ބޮމުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ 2.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރައްކާތެރި ހިޔާވަހިކަން ހޯދުމުގެ ފުރުސަތު ވަނީ ކުޑަވެފައެވެ.

ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާގައި 50 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.

ހަމަލާ ދިން މަންޒަރު ފެންނަ ފުޓޭޖުތަކުން ފެންނަ ގޮތުގައި ރެސްކިއު ވޯކަރުންނާއި ވޮލެންޓިއަރުން އެމީހުންގެ ހުސް އަތުން ވެއްޓިފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ދަށުގައި ވަަލުލެވި އަދި ތާށިވެފައި ތިބި މީހުންނާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރެއެވެ.

އިޒްރޭލުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް މި ހަމަލާ ދީފައިވަނީ އަލްޖަޒީރާ އަރަބިކް ގާޒާގެ ނޫސްވެރިޔާ ވައިލް ދަހުދޫގެ އަންހެނުންނާއި ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅާއި ކާފަ ދަރިފުޅު އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވިތާ ދުވަސްކޮޅެއް ފަހުންނެވެ.

"ވީގޮތް ވަރަށް ސާފު މިއީ ކުޑަކުދިންނަށާއި އަންހެނުންނަށާއި އާންމުންނަށް އަމާޒުކޮށްގެން ދިން ސިލްސިލާ ހަމަލާތަކެއް." މޯޗަރީއެއްގައި އޭނާގެ އާއިލާގެ މެމްބަރުންގެ ހަށިތަކަށް ބަލަހައްޓައިގެން ހުރެ ދަހުދޫ ބުންޏެވެ.

މި ހަފްތާގެ ކުރީ ކޮޅު އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އަލްޖަޒީރާގެ ނޫސްވެރިޔާ ޔުމްނާ އެލްސައްޔިދުގެ އާއިލާއަށް ފޯނު ކޯލެއް ކޮށް، އެމީހުންގެ ގެއިން ނުކުމެ ދެކުނަށް ދިއުމަށް އިންޒާރު ދީފައެވެ.

ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ގާޒާގައި ހަނގުރާމަތައް ފެށިފަހުން މިހާތަނަށް 3500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭހެން 8،525 މީހުން ޝަހީދުވެފައިވާ ކަމަށެވެ. ނޫސްވެރިން ހިމާޔަތްކުރާ ކޮމެޓީން ބުނީ އެ މުއްދަތުގެ ތެރޭގައި 31 ނޫސްވެރިއަކު މަރާލާފައިވާ ކަމަށާއި އޭގެ ތެރެއިން 26 ނޫސްވެރިންނަކީ ފަލަސްތީނު މީހުން ކަމަށެވެ.

އަލްޖަޒީރާގެ ބަޔާނުގައި ބުނެފައިވަނީ މުހައްމަދު އަބޫ އަލް ކުމްސާން އާއި ގާޒާގެ އެތައް ކުށެއް ނެތް އާންމުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އިލްތިމާސް ކުރާ ކަމަށެވެ.