އިއްޔެ އިޒްރޭލުން ޖަބަލިޔާ ރެފިއުޖީ ކޭމްޕް ފުނޑުފުނޑު ކޮށްލި ހާދިސާގައި އަސީރުންގެ ގޮތުގައި ހަމާސް އިން އިޒްރޭލުން ގެންދިޔަ މީހުންގެ ތެރެއިން 7 މީހަކު މަރުވެއްޖެ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
އޭގެ ތެރޭގައި އިޒްރޭލު ނޫން އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮތް 3 މީހަކުވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
ހަމާސް އިން ބުނާގޮތުގައި އެމީހުން އަސީރުންގެ ގޮތުގައި 250 މީހަކު ގާޒާއަށް ގެންދިޔައެވެ. އިޒްރޭލުން ބުނެފައި ވަނީ އަސީރުންގެ އަދަދީ 240 ކަމަށެވެ.
މީގެ ތެރެއިން 50 މީހަކު، މީގެ ކުރިން މަރުވެފައި ވާ ކަމަށް ހަމާސް އިން ބުނެފައި ވާ އިރު އިއްޔެގެ ހަމަލާގައި މަރުވި 7 މީހުނާއެކު މަރުވި މީހުންގެ އަދަދު 57 އަށް އެރީއެވެ.
އޮކްޓޯބަރު 7، 2023 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި އިޒްރޭލަށް އަރާ އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން މީގެ ކުރިން 4 މީހަކު ދޫކޮށްލާފައި ވެސް ވެއެވެ. އެއީ އެމެރިކާގެ 2 އަންހެނަކާއި އިޒްރޭލުގެ 2 އަންހެނުންނެވެ.
އިއްޔެ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ވަނީ ފުލުފުލުގައި 6 ބޮން ވައްޓާލާފައެވެ. އެމެރިކާގައި އުފައްދާފައި ވާ މިބޮންތައް ވައްޓާލުމާއެކު، އަވަށެއް ހުރި ގޮތަށް ވަނި ވަޅުލެވިފައެވެ. އިމާރާތްތައް ފުނފުނޑުވެ ހަމަބިމާ އެއްވަރުވެފައި ވާ އިރު ޝަހީދު ވި ފަލަސްތީންގެ މީހުންގެ އަދަދު 50 އަށް އަރާ ކަމަށް ހަމާސްގެ އިދާރާތަކުން ބުނެއެވެ. އަދި 400 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ޒަހަމްވެފައި ވާ ކަމަށް ވެސް ބުނެއެވެ.
މިވަގުތަކީ އެއްގަމު މަގުން ޔަހުދީ ސިފައިން ގާޒާގެ ތެރެއަށް އަރާފައި ވާ ވަގުތެކެވެ. ގާޒާގެ އެތަން މިތާނގައި ހަމަލާ ބަދަލުކުރަމުން ދާ އިރު ހަމާސްގެ މަސްދަރުތަކުން ބުނެފައި ވަނީ އިޒްރޭލު ސިފައިންގެ ގިނަ ބަޔަކު މަރާލެވިފައި ވާ ކަމަށެވެ. އަދި އެމީހުންގެ އެތައް ބައިވަރު ޓޭންކަރުތަކެއް ވެސް ހަލާކުކޮށްލާފައި ވާ ކަމަށް ބުނެއެވެ. އެގޮތުން 20 ސިފައިން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލި ކަމަށް ބުނެފައި ވާ އިރު އިޒްރޭލުން ބުނެފައި ވަނީ އެއްގަމުގެ އޮޕަރޭޝަން ފެށުނު ފަހުން މިހާތަނަށް މަރުވެފައި ވަނީ 11 ސިފައިން ކަމަށާއި ހައެއްކަ މީހުން ޒަހަމްވެފައި ވާ ކަމަށެވެ. ނަމަވެސް އޮކްޓޯބަރު 7 ގެ ހަމަލާތައް ފެށުނު ފަހުން މިހާތަން މަރުވި ޔަހޫދީ ސިފައިންގެ އަދަދު 320 އަށް އަރާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނި ބުނެފައެވެ.
ހަނގުރާމަ 26 ވަނަ ދުވަހަށް ފެށިފައި ވާ އިރު، ޒަހަމްވި މީހުން ރަފާ ބޯޑަރު ހުރަސް ކޮށް މިސްރަށް ވަނުމަށް ދޮރާށި ވަނީ ހުޅުވާލާފައެވެ. މި ފުރުސަތާއެކު މިސްރަށް ވަނުމަށްޓަކައި ރަފާ ބޯޑަރުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި އިރު ނިކުންނަށް ހުއްދަ ދީފައި ވަނީ 500 މީހުންނަށް ކަމަށާއި އޭގެ ތެރޭގައި ޒަހަމްވެފައި ތިބި މީހުންގެ އިތުރުން ބޭރުގެ ޕާސްޕޯޓް އޮތް އާންމުންނާއި ގާޒާގައި މަސައްކަތް ކުރާ އެކިއެކި އެންޖީއޯތަކުގެ ބޭރުގެ މީހުނަށް ވަނި ފުރުސަތު ދީފައެވެ.
އެގޮތުން، ޖަޕާން، އޮސްޓްރޭލިއާ، ބަލްގޭރިއާ، އިންޑޮނީޝިއާ، ޖޯޑަން، އިޓަލީ، ގްރީސް، އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކްގެ ޕާސްޕޯޓް އޮތް އާންމުން ހިމެނެއެވެ.
އެންޖީއޯތަކުގެ ތެރެއިން ސްޕެއިން، އިޓަލީ، ޕިލިޕީންސް، ހެއިޓީ، ޖާމަން، ޔޫއެސް، ޓައިވާން، ޖަޕާން، އޮސްޓްރިއާ، މެކްސިކޯ، ފްރާންސް، ކެންޔާ، ނައިޖީރިއާ، އޮސްޓްރޭލިއާ، ސައުތު އެފްރިކާ، އަރްމީނިއާ، ޔޫގެންޑާ، ގާނާ، ޖޯޑަން، ސިއެރަލިއޯން، ޔޫކްރައިން، ޗެކްރިޕަބްލިކް، ނިއުޒީލަންޑް މީހުން ހިމެނެއެވެ.
މި މީހުން ރަފާ ހުރަސް ކޮށް މިސްރަށް ވަންނަން ހުއްދަ ދީފައި ވާ އިރު، މިސްރު ފަޅިން ގާޒާ އިމުގައި ވަނީ މޮބައިލް މެޑިކަލް ޓެންޓްތަކެއް ގާއިމުކޮށްފައެވެ. އެއީ ޒަހަމްވެފައި ތިބި މީހުންނަށް ބޭނުންވާ ވަގުތީ ފަރުވާ ދިނުމަށް ގާއިމުކޮށްފައި ވާ ޓެންޓްތަކެކެވެ.
ރަފާ ކްރިސިންގައި ގިނަ އަދަދެއްގެ ބަޔަކު ތޮއްޖެހިފައި ވާ އިރު އެންމެން އެއްފަހަރާ ނިކުންނަން އުޅުމުގެ ތެރޭގައި ބައެއް މީހުން ޒަހަމްވެފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ރަފާ ކްރޮސިން ހުޅުވާލާފައި ވާ އިރު، ގާޒާއަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ވަންނަ ޓްރަކްތަކުގެ ހަރަކާތްތައް ވެސް ކުރިއަށް އެބަދެއެވެ. އެގޮތުން މިއަދުވެސް 44 ޓްރަކެއް އެހީގެ ތަކެތި ހިފައިގެން ވަދެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ދުވާލަކަށް ގާޒާއަށް ބޭނުންވާ އެހީއަށް ވުރެ މާ ކުޑަ މިންވަރެކެވެ. އދ ގެ އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން ބުނާގޮތުން ގާޒާއަށް މަދުވެގެން ދުވާލަކު 100 ޓްރަކުގެ އެހީ ބޭނުންވެއެވެ. މިއެހީގެ ތެރޭގައި ތެޔޮ ނުހިމެނޭތީ އެއީ މިވަގުތަށް އެންމެ މުހިންމު އެހީ ކަމަށާއި ތެޔޮ ހުސްވެ މިއަދުވެސް ހޮސްޕިޓަލްތައް ހުއްޓިދާނެ ކަމަށް ވަނި ބުނެފައެވެ.
ހޮސްޕިޓަލްތައް ހުއްޓިއްޖެ ނަމަ ޒަހަމްވެ އަދި ތަފާތު އެކި ބަލިތަކުގައި ތިބި މީހުންނަށް ފަރުވާ ދިނުން ހުއްޓޭނެއެވެ. ކާބޯތަކެއްޗާއި ބޯފެނާއި ބޭސް މަދުމަދުން ލިބެމުން ދިޔަ ނަމަވެސް މިވަގުތަަށް އެންމެ ބޭނުން ޖެހިފައި ވާ އެއްޗަކީ ތެލެވެ. ތެޔޮ ވައްދާކަށް އިޒްރޭލުން ހުއްދައެއް ނުދެއެވެ.
ގާޒާގެ އެތައް ހާސް ތުއްތު ކުދިންނެއް ހައިހޫނު ކަމުގައި ހާންތިވަމުން ދާ އިރު، އެކުދިންނަށް ސާފު ބޯފެން ނުލިބި ލޮނުފެން ބޯން ޖެހުމުގެ ޝަކުވާވެސް އިންސާނީ އެހީ ފޯރުކޮށްދެ ޖަމާއަތަތްކުން ކުރަމުން އެބަދެއެވެ. ބޮޑަސް ކުޑަޔަސް، ކާނެ އަދި ބޯނެ އެއްޗެއް ލިބެނީ އެ ނަސީބު ހުރި މީހަކަމަށެވެ. އަދިވެސް އެހީ ބޭނުންވާ އެންމެނަށް އެހީ ލިބޭ ގޮތެއް ނުވެއެވެ.
މުޅި ގާޒާގެ ތެރެއަށް ފެތުރި ޔަހޫދީން ހަމަލާ ދެމުން ގެންދާ އިރު، ޖެނީން ރެފިއުޖީ ކޭމްޕް ވަށާލައި މިއަދު ހިންގި އޮޕަރޭޝަނުގައި ވަނީ ފަތްހު ޖަމާއަތުގެ އިސް އޮފިޝަލެއް ހައްޔަރު ކޮށްފައެވެ.
އިއްޔެ ޖަބަލިޔާއަށް ދިން ހަމަލާގައި ހަމާސްގެ ކޮމާންޑަރަކު މަރާލި ކަމަށް އިޒްރޭލުން ބުނެއެވެ.