އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ ފޯނުން 73 ފޮޓޯ ކޭޝް ކޮށް ބައެއް ތަކެތި ޑިލިޓް ކޮށްފައިވާ ކަމަށް ބުނެ ފޯނު ތަހުލީލު ކުރި އޮފިސަރު ހެކިބަސް ދީފިއެވެ.

އިއްޔެ ކްރިމިނަލް ކޯޓުގެ ކުރިއަށް ދިޔަ އަޑު އެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ލަމްހާގެ ފޯނު ތަހުލީލު ކުރި އޮފިސަރު ބުނީ ގޫގުލް ވިޖެޓް ބޭނުންކޮށްގެން ބައެއް މައުލޫމާތު ފޯނުން ހޯދާފައި ވާކަމަށެވެ. އަދި ހޯދި ހޯދުންތަކުން އެ ފޯނުން 73 ފޮޓޯ ކޭޝް ކޮށްފައި ވާކަމަށާއި، ބައެއް ތަކެތި ފޯނުން ޑިލީޓްވެސް ކޮށްފައިވާ ކަމަށް އޮފިސަރު ބުނެފައި ވެއެވެ.

މީގެ އިތުރުން، ޓެލެގްރާމް އައިޑީތަކާ ގުޅުންހުރި ނަންބަރުތައް ފޯނުން ފެނުނު ކަމަށްވެސް އޭނާ ވަނީ ހެކިބަސް ދީފައެވެ. ފޯނުން ފެނުނު ޗެޓް ލޮގުގެ އިތުރުން ފެނުނު ނަންބަރުތަކެއްވެސް ތަހުގީގު ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށާއި ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދާފައި ވާނެކަމަށް އެ އޮފިސަރު ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތުތައް ހޯދާފައިވަނީ ސޮފްޓްވެއާ އެއްގެ އެހީގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް ދިފާއީ ވަކީލުން ވަނީ ތަފާތު ސުވާލުތަކެއް ހެކިވެރިޔާ އަށް އަމާޒު ކޮށްފައެވެ. އެގޮތުން އެވިޑެންސް ކޮތަޅުން ފޯނު ނަގާ އެ ޗެކްކުރާ ގޮތާއި، ފޯނާމެދު އަމަލުކުރާ ގޮތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކޮށްފައި ވެއެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ބުނީ ޑާޓާ ނަގަނީ އެކަމަށް ހާއްސަ އާލާތެއް ބޭނުން ކޮށްގެން ކަމަށެވެ. އެގޮތުން ބައެއް ސެޓިންގްތައް ހެދުމަށްފަހު ޑޭޓާ ނަގާ ތަހުގީގުކުރާ ފަރާތުން ފުރިހަމަނުވެ ހުންނަ ކަންކަން ފިޒިކަލީ ފޯނު ހުޅުވައިގެން ބަލާކަމަށް އޭނާ ބުންޏެވެ.

މޯބައިލް ފޯނުން އެއްކުރި މައުލޫމާތު ތަކަށް ބަލާ އޭނާ ވަނީ މޮބައިލް ފޮރެންސިކް 4 ރިޕޯޓް ތައްޔާރު ކޮށްފައެވެ. ތަހުލީލި އޮފިސަރު ތައްޔާރުކުރި 4 ރިޕޯޓުގެ ތެރެއިން 2 ރިޕޯޓާ ގުޅޭގޮތުން އޭނާއާ ވަނީ ސުވާލު ކޮށްފައެވެ. އަދި ބާކީ އޮތް 2 ރިޕޯޓާ ގުޅޭގޮތުން ދައުލަތުން އިތުރު ސުވާލުތަކެއް ކުރަން ނެތް ނަމަވެސް ދިފާއީ ވަކީލުން ވަނީ 2 ރިޕޯޓާ ގުޅިގެން ސުވާލުކުރަން ހުރިކަމަށާއި، އެހެންކަމުން ހެކިވެރިޔާ އެހެން ދުވަހަކު ހާޒިރު ކޮށްދިނުމަށް އެދިފައި ވެއެވެ.

ނަމަވެސް ގާޒީ ވިދާޅުވީ ޝަރީއަތުން އެކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ. އިއްޔެގެ އަޑުއެހުމުގައި އިތުރު 2 ހެކިވެރިންގެ ހެކިބަސް ވެސް ނެގުމަށް ހަމަޖެހިފައި އޮތް ނަމަވެސް ފުރަތަމަ ހާޒިރުކުރެވުނު ހެކިވެރިޔާގެ ހެކިބަސް ދިގުލައިގެން ދިއުމުން އެ ހެކިން ހާޒިރުކޮށްފައި ނުވެއެވެ. މި މަހުގެ 14 ވަނަ ދުވަހު އަދި 23 ވަނަ ދުވަހުވެސް އަޑުއެހުމެއް އޮންނާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.