ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލް ތަރައްގީ ކުރަން، އަންނަ އަހަރުގެ ބަޖެޓުގައި 1.06 ބިލިއަން ރުފިޔާ ހިމަނަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އަންނަ އަހަަރުގެ ބަޖެޓް ލަފާކޮށް އެ މިނިސްޓްރީން އާންމު ކުރި ބަޖެޓް ފޮތުގައި، ޕީއެސްއައި ޕްރޮޖެކްޓް ތަކަށް 8.67 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ލަފާކޮށްފައި ވާއިރު އޭގެ ތެރެއިން ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް 3.29 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިގޮތުން މި މަޝްރޫއުތަކުގެ ތެރެއިން ވައިގެ ބަނދަރު ހެދުމަށް 1.52 ބިލިއަން ރުފިޔާ ހަރަދުކުރަން ހިމަނަމާފައި ވާއިރު ވީއައިއޭ ޓާމިނަލް ތަރައްގީ ކުރަން 1.06 ބިލިއަން ވަނީ ހިމަނާފައެވެ. މީގެ އިތުރުން އެއާޕޯޓުތައް އެޅުމާއި ތަރައްގީ ކުރުމަށް 4.6 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ވީއައިއޭ ޓާމިނަލް ތަރައްގީ ކުރަން 1.06 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާއިރު ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ދޭން ސައުދީން ވަނީ މިމަހު ކުރީކޮޅުގައި ނިންމަފައެވެ. ސައުދީ ފަންޑުން ވަނީ 2016 ވަނަ އަހަރު ވެސް އެއާޕޯޓު ތަރައްގީ ކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވީއައިއޭ ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނިންމާލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުރިހާ ދާއިރާއެއްވެސް ކުރިއެރުމަށް މިވަގުތަށް އެންމެ މުހިންމު އެއް މަސައްކަތަކަށް ވެފައި ވަނީ އެއާޕޯޓު ނިންމުމުގެ މަސައްކަތް ކަމަށާއި އިންތިގާލީ މަރުހަލާގެ ތެރެއިން ބެލި ބެލުމަށް އެއާޕޯޓު ނިންމުމަށް ނިންމާފައިވާ ތާރިހަކީ 2025 ވަނަ އަހަރުގެ ޖުލައި މަސް ނަމަވެސް އެއީ ވަރަށް ގިނަ ދުވަސްތަކެއް ކަމަށެވެ.

އަދި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިސާދު މިއޮތީ ވަރަށް ބޮޑު އަނދަވަޅެއްގައި ކަމުން އެއާޕޯޓް ވީ އެންމެ އަވަހަކަށް ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެވެ. "އެންމެ ލަސްވެގެންވެސް ފެށޭ އަހަރުގެ ސެޕްޓެމްބަރަށް ނިންމާނަން. އެހެންވީމާ އެއީ މިހާރު ނިންމަން އޮތް ތާރީހަށް ވުރެ 8 މަހުގެ އަވަސް ތާރީހެއްގައި ނިންމުމަކީ އަޅުގަނޑުގެ އަމާޒެއް" މުއިއްޒު ވިދާޅުވިއެވެ.

އަދި މިހާރުވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެކަން ކާމިޔާބު ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެއާޕޯޓްގެ މަސައްކަތް އަމިއްލަފުޅަށް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އަދި ރަސްމީކޮށް 17 ނޮވެމްބަރު ގައި އެކަމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ އެ މަސައްކަތް ވަރަށް ގާތުން ބައްލަވާނެ ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ކަމާ ބެހޭ ހުރިހާ ސްޓޭކް ހޯލްޑަރުންގެ އިސްވެރިން ހިމެނޭ ގޮތަށް ހާއްސަ ވަކި ކޮމިޓީއެއް އުފައްދަވާ އެ ކޮމިޓީގެ ޗެއާ އަކަށް އެމަނިކުފާނު ހުންނަވާ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހަރަދު ކުރަމުންދަނީ ސައުދީ، ކުވެއިތް، އަބޫދާބީ ފަންޑު އަދި ކުވެއިތް ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.