މާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި އަދި ގިރާވަރުފަޅު ގުޅާލައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން ހަދާ ބްރިޖުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އަންނަ އަހަަރުގެ ބަޖެޓް ލަފާކޮށް އެ މިނިސްޓްރީން އާންމު ކުރި ބަޖެޓް ފޮތުގައި ބުނެފައި ވަނީ ޕީއެސްއައި ޕްރޮޖެކްތަށް ލަފާކޮށްފައި ވަނީ 8.67 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަަމަށެވެ. އެ ގޮތުން ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން ބަނދަރު ހެދުމަށް 378 މިލިއަން ރުފިޔާ ހަރަދު ކުރަން ހިމަނާފައިވާ އިރު، ބްރިޖު އެޅުމަށް 859 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނާފައެވެ. އޭގެތެރެއިން ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 827 މިލިއަން ވަނީ ހިމަނާފައެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތަށް އަންނަ އަހަރަށް ވަނީ 645.7 މިލިއަން ރުފިޔާ ހިމަނާފައެވެ. ހަމައެއާއެކު ތިމާވެށި ރައްކާތެރި ކުރުމަށް ކުނި ނައްތާލުމަށް 565 މިލިއަން ރުފިޔާ، ކޯސްޓަލް ޕްރޮޓެކްޝަނަށް 269 މިލިއަން ރުފިޔާ، ފެން ހިންދާ ނިޒާމަށް 7 މިލިއަން ރުފިޔާ އަދި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް 281 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ބިން ހިއްކުމާ މަގު ހެދުމަށް ޖުމްލަ 1.69 ބިލިއަން ރުފިޔާ ހަަރދު ކުރަން ނިންމާފައިވާ އިރު، މަގު ހެދުމަށް ވަނީ 561.8 މިލިއަން ރުފިޔާ ހަމަނާފައެވެ. އަދި ބިން ހިއްކުމަށް ވަނީ 1.12 ބިލިއަން ރުފިޔާ ހިމަނާފައެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރެއިން ތިލަމާލެ ބްރިޖްގެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގަން ފެށި އެންމެ ބިޔަ ޕްރޮޖެކްޓެވެ. މި މަޝްރޫއުގެ މަސައްކަތްތައް އަންދާޒާ ކުރި ސްޕީޑަށް ކުރިއަށް ނުގފެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި ޕްރިޖެކްޓްތަކާ ގުޅިގެން އިންތިހާބީ ރައީސް ޑރ. މުަހއްމަދު މުއިއްޒު ކެމްޕެއިން ދުވަސްވަރުގައި އައި އަދި އިންތިހާބުވެވަޑައިގެން ފަހުން ވެސް ވިދާޅުވެފައި ވަނީ، މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވާނެ ކަަމަށެވެ. އަދި ވެރިކަމާ ހަވާލުވުމަށްފަހު ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލައްވައި، އެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.