ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޑުގަދަކުރި ފަތުރުވެރިޔާގެ އުނދަގޫ އާންމުންނަށް ބޮޑުވެ، އިމިގްރޭޝަން ޑިޓެންޝަން ފެސިލިޓީއަށް ލައިފިއެވެ.

އެއާޕޯޓުގައި ތަންތަނަށް ކުޅުޖަހާ، އަޑުގަދަކުރާތީ އެ ފަތުރުވެރިވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިމަހު 19 ވަނަ ދުވަހުއެވެ. އަދި އެމީހާ އިމިގްރޭޝަނާ އެދުވަހު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ ޑިޓެންޝަންގެ ފެސިލިޓީގައި އަންހެނުން ބެލެހެއްޓުމުގެ ހާއްސަ އިންތިޒާމު ތަކެއް ހަމަޖެހިފައިވާ ނެތުމުން ވީ އެންމެ އަވަހަކަށް އެނބުރި ގައުމަށް ދިއުމަށް އޭނާއަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެ ފަތުރުވެރިޔާގެ ކިބައިން އެކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު އެ ފަތުރުވެރިޔާގެ އާއިލާއާ ގުޅިގެން އޭނާ ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ފޮރިން މިނިސްޓްރީގައި އެދިފައި ވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މި ދަނޑިވަޅުގައި ވެސް އޭނާގެ އަމަލު ތަކުން އާންމުންނަށް އުނދަގޫތައް ވަމުން ދާތީ އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީއަށް ބަދަލު ކޮށްފައިވާ ކަމަށް އެ އިދާރާގެ ނޫސް ބަޔާނުގައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓުގައި އެ މީހާ އެ ފަދަ ގޮތަކަށް އަމަލުކޮށްފައި ވަނީ ވިސާގެ މައްސަލައެއް ޖެހިގެނެވެ. އަދި އެ މީހާ ފުރޭނެ ގޮތް ޗައިނާ އެމްބަސީއިން ވެސް ހަމަޖައްސައިދިން ނަމަވެސް އޭނާ ވަނީ ފުރަން އިންކާރު ކޮށްފައެވެ. އެ ފަތުރުވެރިޔާގެ އަތުގައި ބިޑިއަޅުވައިގެން ފުލުހުން ގެންދާ މަންޒެރު ދައްކުވާދޭ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރު ވެފައި ވެއެވެ.