އޮކްޓޯބަރު 7، 2023 ގައި ޔަހުދީ އިޒްރޭލުން ފެށި އުދުވާނުގައި ރެއަކީވެސް ހިތާމަވެރި ރެއެކެވެ. ގާޒާގެ އެތަން މިތަނަށް ބޮން އަޅަމުން ގޮސް، އަލް ޒުވައިދާގައި އާއިލާއަކުން ދިރިއުލެމުން ދިޔަ ގެއަކަށް މިސައިލް ހަމަލާއެއް ދީ 18 މެންމަރުން ޝަހީދު ކޮށްލައިފިއެވެ.

ކުރިން އިންޒާރެއް ވެސް ދިނުމަކާ ނުލައި ދިން މިހަމަލާގައި އެ އާއިލާގައި ހިމެނޭ ކާފަ ދަރިންނާއެކު އެންމެން ޝަހީދު ކޮށްލި އިރު، ރަފާ އަށް ދިން އެފަދަ އެހެން ހަމަލާއެއްގައި އާއިލާއެއްގެ 9 މީހަކުވެސް ރޭ ޝަހީދު ކޮށްލާފައި ވެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި، އެ ހަމަލާގައި އެ އާއިލާ ދިރިއުޅުނު ގެ ފުނޑުފުނޑު ވެފައި ވާ އިރު، ގާކުނދިތަކުގެ ދަށުގައި އިތުރު މީހުން ވަނީ ތާށިވެފައެވެ. އެހެން ކަމުން މަރު ވި މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް ބުނެއެވެ.

ބަރުހަތިޔާރާއެކު އެއްގަމު މަގުން ގާޒާގެ ތެރެއަށް ޔަހޫދީން ވަދެފައި ވާ އިރު، ރޭ ހަމަލާތައް އަމާޒު ކުރަމުން ގެންދިޔައީ، ފްލެއާ ފޮނުވާލައި މުޅިތަނަށް އަލިވާގޮތް ހަދައިގެން ގޭގެއާއި މީހުން ވަކިކޮށް ހޯދާ ހަދަމުންނެވެ.

ރޭގެ ހަމަލާތަކާއެކު ދުވާލެއްގެ މައްޗަށް ޝަހީދުވާ ކުދިންގެ އަދަދު 420 އަށް އަރާފައި ވާ އިރު، އިއްޔެއިން ފެށިގެން ޔަހޫދީންގެ ހަމަލާތައް ބޮޑަށް އަމާޒު ކޮށްފައި ވަނީ ގާޒާގައި ހުންނަ ހޮސްޕިޓަލްތަކަށެވެ. އެގޮތުން، ގާޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލަށް އެނގުން ވާހާ ކައިރިއަށް 3 ހަމަލާ، ޔޫރަޕިއަން ހޮސްޕިޓަލާ ގާތަށް ހަމަލާއެއް، އަދި އަލް ގުދުސް ހޮސްޕިޓަލަށް ގެއްލުން ވާހާ ގާތަށް ހަމަލާތަކެއް ދީފައި ވާ އިރު، ޓާކިޝް – ޕަލެސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލްގެ 3 ވަނަ ފަންގެފިލާއަށް މިސައިލް ހަމަލާއެއް ދީފައި ވެއެވެ.

މިހަމަލާތަކުގައި އެތަންތަނުގެ ކުޑަދޮރުތަކުގެ ބިއްރޫލިތައް ތަޅައިގެން ދިޔުމުގެ އިތުރުން ބައެއް ގެއްލުންތައް ލިބި، މުޅި އިމާރާތުގެ ތެރެއަށް ހިރަފުހާއި ދުން ވަދެ ހާސްކަން އުފެދިގެން ދިޔަ ކަމަށް ހަބަރުތައް ބުނެއެވެ.

މިއިން ކޮންމެ ހޮސްޕިޓަލަކީ ހަމަލާތަކުގައި ޒަހަންވެފައި ވާ މީހުންނައިގެން ފުރި ބާރުވެފައި ވާ ތަންތަނުގެ އިތުރުން ހަމަލާތަކުން ރައްކާތެރިކަން ހޯދަން ވަދެ ތިބި އެތައްހާސް އާންމު ރައްޔިތުން ވެސް ތިބި ތަންތަނެވެ. ބައެއް ހޮސްޕިޓަލްތަކުގެ ލޮބީތަކާއި ކޮރިޑޯތައް ފުރި ބާރުވެފައި ވާ އިރު އިޒްރޭލުގެ ހަމަލާތަކުގެ އަމާޒަކީ އެތަންތަން ގޮއްވާލަފާނެ ކަމުގެ ބިރު އެމީހުންގެ ހިތްތަކަށް ވައްދާ ނަފްސާނީ ބިރުވެރިކަމެއްގައި ބޭތިއްބުމެވެ.

އިޒްރޭލުގެ ދިފާއީ ވުޒާރާއިން ބުނާ ގޮތުގައި އެމީހުންގެ ހަމަލާތަކުގައި ހަމާސް އިން ބޭނުންކުރާ އަދި އަދި ހަމާސްގެ މެންބަރުން ތިބި ކަމަށް ބުނާ 600 ތަނަކަށް ވަނި ހަމަލާ ދީފައެވެ. ރޭ އެކަނިވެސް 300 ޓާގެޓަކަށް ހަމަލާ ދިން ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ރޮކެތް ލޯންޗް ކުރާ ތަންތަނަނާއި އެންޓި ޓޭންކް ނިޒާމުތަކާއި ޓަނަލްތަކާއި ހަމާސްގެ އަސްކަރީ ހަރަކާތް ހިންގާ ތަންތަން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ހަމަލާތައް 4 ވަނަ ހަފްތާއަށް ދިގުލައިގެން ދިޔަ އިރު ހަމަލާތަކާ ގުޅެގޮތުން އިޒްރޭލުގެ ކެމިނެޓުގެ ތެރޭގައި ދެބަސްވުންތައް އުފެދި ނަތަންޔާހޫއާއި އަސްކަރީ އިސް ލީޑާޝިޕާ ދެމެދު މައްސަލަތައް އުފެދިފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ. އެގޮތުން އޮކްޓޯބަރު 7. 2023 ގެ ހަމަލާގެ ކުރިން އެ ހަމަލާ އަންނަ ކަން އިންޓެލިޖަންސުން ނަތަންޔާހޫއަށް މައުލޫމާރު ދީފައި ނުވާ ކަމަށް އޭނާ ބުނެފައި ވާއިރު، އެއީ ކުރިއަށް އޮތް އިންތިހާބަށް ނަތަންޔާހޫ ކުޅެ ސިޔާސީ ކާޑެއް ކަމަށް ބުނެ އެހެން އިސްވެރިން ވަނީ އޭނާ އަށް ފާޑު ކިޔާފައެވެ.

އދ އާއި އެހެނިހެން ފަރާތްތަކުން ހަނގުރާމަ ހުއްޓާލަން ގޮވާލަމުން ދާ އިރު، ނަތަންޔާހޫ ރޭ ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމެއް ނެތް ކަމަށާއި ހުއްޓާލައިފި ނަމަ އެއީ އިޒްރޭލުން ހަމާސްގެ އަތްދަށަށް ދިޔުން ކަމަށެވެ.

އިޒްރޭލުގެ އަމާޒަކި ހަމާސް ނައްތާލައި ހަމާސް އިން އަސީރު ކުރި މީހުން މިނިވަން ކުރުން ކަމަށް ވެސް އޭނާ ބުނެއެވެ. އެކަން ހާސިލު ނުވަނީސް ހުއްޓާނުލާން ވައުދުވެފައި ވާ އިރު، ހަމާސް އިން އަސީރު ކުރި މީހުންގެ އާއިލާތަކުން ގެންދަނީ ނަތަންޔާހޫ އާއި ސަރުކާރަށް ޕްރެޝާ ކުރަމުންނެވެ. އެމީހުން ބުނަމުން ދަނީ، އަސީރުން ބަދަލު ކުރަން ފުރުސަތު އޮތް އިރު އެކަން ނުކުރަނީ ކީއްވެތޯއާއި އެމީހުންގެ އާއިލާގެ މީހުންގެ ހާލަކީ ކޮބައިތޯއެވެ. އަދި އެ ސުވާލުތަކަށް ނަތަންޔާހޫ ޖަބާވު ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.