ބޭންކް އޮފް މޯލްޑިވްސް އަށް 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދީފައިވާތީ އެކަމުގެ އަގު ވަޒަންކޮށް އެ ބޭންކުގެ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާ އަށް ހާއްސަ އެވޯޑެއް ދީފިއެވެ.
ބީއެމްއެލް އިން ރޭ ވަނީ އެ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ގޮތުން މި ހަފްލާގައި ބޭންކަށް 15، 20، ،25، ،30 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ 64 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.
ރޭ ބޭއްވި ހަފްލާގައި 35 އަހަރުގެ ދިގުމުއްދަތެއްގައި ހިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް ހުސައިން ރަޝީދ،ު އޮޑިޓް މެނޭޖަރު އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއާ އޮފިސަރު އައިމިނަތު ނަސީރުގެ ހިދުމަތް އެ ބޭންކުން ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ.
މި ހަފްލާގައި ވާހަކަދައްކަމުން ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކުގެ މުވައްޒަފުންނަކީ ވަރަށް މުހިއްމު ބައެއްކަމަށެވެ. އެހެންކަމުން ފާއިތުވި އަހަރުތަކުގައި ހީވާގިކަމާއެކު ހިދުމަތްކޮށް ދިން މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ. "ފާއިތުވި އަހަރުތަކުގައި ހިވާގިކަމާއެކު ތިޔަ ކޮށްދެއްވި ބުރަ މަސައްކަތަށް ތިޔަ ކޮންމެ މުވައްޒަފަކަށްވެސް އަޅުގަނޑު ވަކިވަކިން ޝުކުރުއަދާކުރަން. މިރޭ އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކާލް ސްޓުމްކަ ވިދާޅުވިއެވެ.
މިއަހަރުގެ އޯގަސްޓް މަހު ބޭންކުންވަނީ ވަޒީފާ އަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް، ބޭންކުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ސްޓާފް އެވޯޑް ވެސް ބާއްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގެ ސްޓްރެޓަޖީ ގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި.މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.