އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާ އެއް ކަމަކީ ދިވެހިންގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، މިރޭ ޕީޕީއެމް ޖަގަހައިގައި ކުރިއަށް ދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ، މުއިއްޒު އިންތިހާބުވެވަޑައިގެންފައި ވަނީ ރައްޔިތުންގެ ތާއީދާ އެކުގައި ކަމަށާއި ރައްޔިތުން ތާއީދު ކުރީ ރައްޔިތުން އެދޭ ކަންތައްތަކެއް ކުރަން ވައުދުވެވަޑައިގަތުމުން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް ވީ އެންމެ އަވަހަކަށް އެ ކަންކަން ފުއްދަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެގޮތުން މުއިއްޒު ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހޭ ކަމަކީ ރާއްޖެއަށް ގެއްލުނު ކަނޑު ހޯދުމަށް މަސައްކަތް ކުރުން ކަމަށް ޔާމީން ވިދާޅުވިއެވެ. މިއަދު ޕީޕީއެމް ޕީއެންސީއަށް ވެރިކަން ހިންގަން ލިބިފައިވާ އިރު ގައުމުގެ ސަރަހައްދު މިއޮތީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތަކަށް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަށާއިރު ވެސް މި ފަށަން ޖެހެނީ ސިޔާދަތީ ބާރުވެރި ސަރުކާރެއް އޮވެގެން ސަރުކާރުން ހިމާޔަތް ކުރަންޖެހޭ ކަމަކަށް ސަރުކާރުން ގައްދާރު ވީމަ، އެ އަނބުރާ އިޔާދަކުރަން ވެރިކަމުގަ އިދިކޮޅު ތިބި ބަޔަކު ކުރި މަސައްކަތް ﷲ އިރާދަކުރެއްވީތީ އެކަން މިވަނީ އަޅުގަނޑުމެންނަށް ތަނަވަސްކޮށް ދެއްވާފައި."
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެ ގައުމެއްގެ ސިޔާދަތީ ބާރު ހިންގާ ސަރަހައްދު ހިމާޔަތް ކުރުމަކީ އެ ގައުމެއްގެ ސަރުކާރަކުން ކުރަން ޖެހޭ ކަމެއްކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެ ސަރަހައްދު ހިމާޔަތް ކުރުމުގެ ބަދަލުގައި ވަނީ އެ ސަރަހައްދު ދޫކޮށްލާފައި ކަމަށެވެ. އެމްއެންޑީއެފުން ކުރަން ޖެހޭ އެންމެ މުހިއްމު ދެ ކަމުގެ ތެރެއިން ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ހިމާޔަތް ކުރުމުގައި ރައީސް ސޯލިހްގެ ސަރުކާރުގައި އެ މުއައްސަސާ ނުކުޅެދިފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ މުއައްސަސާއިން ތިބީ އެމީހުންގެ ސިޔާސީ ވެރިން ބުނި ގޮތަކަށް ދޫކޮށްލައިގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. އަދި އެމްއެމްޑީއެފުން ސިޔާސީ ވެރިންގެ އަމުރުތަކަށް ތަބާވާން ނުޖެހޭ ކަމަށާއި ގާނޫނު އަސާސީގައި އެކަން އޮންނަނީ އެހެން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. ސިޔާސީ ވެރިންނަކީ ދައުރެއް ނިންމާފައި ފައިބެގެން ދާ ބައެއް ކަމަށާއި ނަމަަވެސް އެމްއެންޑީއެފްގެ މުއައްސަސާއަކީ ގާނޫނު އަސާސީ ދެމިއޮތްހާ ހިނދަކު ތާ އަބަދަށް ދެމި އޮންނަ މުއައްސަސާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާދަތީ ސަރަހައްދަކީ ވެސް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ސަރަހައްދު ކަމަށާއި އެ ސަަރަހައްދު ހިމާޔަތް ކުރަން ތާ އަބަދަށް ތިބޭނެ ބަޔަކީ ރާއްޖޭގެ ސިފައިން ކަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން މުއިއްޒު ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހޭ އެއް ކަމަކީ ގެއްލިގެން ދިޔަ ސިޔާދަތީ ސަރަހައްދުން ހޯދުން ކަމަށާއި އިޓްލޮސްއަށް މި އިހްތިޖާޖު ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން އެކަން ކުރީ ޕީޕީއެމް ޕީއެންސީއާ އިދިކޮޅަށް ކަމަށާއި، ނަމަވެސް މިހާރު މިއީ ވެރިކަން ކުރަން ތިބި ޕާޓީ ކަަމަށް ޔާމީން ވިދާޅުވިއެވެ. މި ކަމުގައި އިންތިހާބީ ރައީސް އާ އެމަނިކުފާނު މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި މުއިއްޒު ހުވާ ކުރުމުގެ ކުރިން ވެސް މި މައްސަލަ ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.