ގާޒާގެ އުތުރުން އެންމެން ފައިބައިގެން ދިޔުމަށް އިންޒާރު ދިނުމަށް ފަހު ބޮން އަޅާ ގާޒާ ސިޓީ އާއި ގާޒާ އަންދާ އަޅިއަށް ހެދުމުގެ އާ މަރުހަލާއެއް ޔަހޫދީ އިޒްރޭލުން ފަށައިފިއެވެ.

މިފަހަރު އަމާޒު ކުރީ އިޒްރޭލުގެ އުދުވާނުގައި ޒަހަމްވާ މީހުންނާއި ޝަހީދުވާ މީހުން ގެންގޮސް ވައްދާ އަލް ގުދުސް ހޮސްޕިޓަލް ގޮއްވާލާށެވެ.

އެތަން ވަގުތުން ހުސް ނުކޮށްފިނަމަ ބޮން އަޅާނެ ކަމުގެ އިންޒާރު މިއަދު ދީފައި ވާ އިރު އެތަން ހުސް ނުކުރާނެ ކަމަށާއި އެތާ ތިބި ބަލި މީހުން ދޫކޮށްފައި ނުދާނެ ކަމަށް ޑޮކްޓަރުންނާއި ނަރުހުންނާއި މެޑިކަލް އެޓެންޑެންޓުން ބުނެފައި ވަނިކޮށް މިހާރު އިޒްރޭލުން ގެންދަނީ ހޮސްޕިޓަލާ ދާދި ގާތަށް ބޮން އަޅަމުންނެވެ.

މީހުން ފުރި ބާރުވެފައިވާ އެ ހޮސްޕިޓަލާ ގާތްގަނޑަކަށް 50 މީޓަރަށް ވުރެ ގާތަށް ބޮން އަޅަމުން ގެންދާ އިރު ހޮސްޕިޓަލަށް ގެއްލުން ވަމުން ދާ ކަމަށާއި އަޅާ ބޮންތައް ގޮވާ ބުރައިގެން ދާ އެތިއެތި ކޮޅާއި ހިރަފުސް ހޮސްޕިޓަލްގެ ތެރެއަށް ވަދެ ލޯ ނުފެންނަ ވަރަށް ހިރަފުސް ވެފައި ވާ މަންޒަރުތައް މިހާރު ދަނީ އާންމު ވަމުންނެވެ.

އަލް ގުދުސް ހޮސްޕިޓަލް;

  • ހޮސްޕިޓަލް ހެދީ: 1993
  • އާބާތުރަ ފިލުވައި މަރާމާތު ކުރީ: 2019
  • އައިސީޔޫ އެނދުގެ އަދަދު: 120
  • ހިތުގެ ބަލިތަކަކާއި ނޭވާލާނިޒާމުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރު: 1
  • މިވަގުތު ހޮސްޕިޓަލްގައި ތިބި މީހުންގެ އަދަދު: 14,000

ފަލަސްތީން ރެޑް ކްރެސެންޓުން ގާޒާގައި ހިންގާ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން އަލް އަމާލް ހޮސްޕިޓަލް ނެގުމަށް ފަހު ދެވަނަ އަށް އެންމެ ބޮޑީ އަލް ގުދުސް އެވެ.

އެ ހޮސްޕިޓަލް ހެދީންސުރެ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވި ނޯވޭގެ ޑޮކްޓަރު މެޑްސް ގިލްބާޓް ވިދާޅުވީ, އެތާނގައި އެތައް އަހަރެއް ވާންދެން އޭނާ މަސައްކަތް ކުރެއްވި ކަމަށާއި އެތާނގައި އަސްކަރީ ކަމެއް ކުރާކަމުގެ ނިޝާނެއްވެސް އަދި ސިޔާސީ މަސައްކަތެއް ކުރާތީވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަހަރެން އެ ހޮސްޕިޓަލް ދަންނަން އިމާރާތް ކުރަމުން ދިޔަ އިރުންސުރެ ފެށިގެން, އެތައް އަހަރަކު އެތާނގައި މަސައްކަތް ކުރި, އިޒްރޭލުން އެ ބުނާ ޒާތުގެ އެއްވެސް ކަމެއް އަދި ސިޔާސީ ކަމެއްވެސް އެތާކު ނުހިނގާ, ދެން ހިނގަންޏާވެސް އިޒްރޭލުން ޕްރޫފާއެކު ބުނީމާތާ އެކަމެއް ބެލޭނީ, އެހެން ނޫނީ އެ ހަދަނީ ހުސް ދޮގު, މީހުން ބިރުގަންނަވާ ހޮސްޕިޓަލަށް ބޮން އަޅާނެ ގޮތެއް ހޯދަނީ"
މެޑްސް ގިލްބާޓް

އޭނާ އިތުރަށް ވިދާޅުވީ އަލް ގުދުސް ހޮސްޕިޓަލާ ހިލާފަށް އަލް ޝިފާ ހޮސްޕިޓަލުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ބްލޮކެއް މިފަހުން ހަދާފައި ވާ ކަމަށާއި މި ހޮސްޕިޓަލްތަކަކީ 2.2 މިލިއަން މީހުންނަށް ސިއްހީ ފަރުވާ އާއި ދުޅަހެޔޮކަން ލިއްބައިދޭ ހަމައެކަނި ވަސީލަތްތައް ކަމަށެވެ.

އަލްޖަޒީރާގެ ގާޒާގެ ކޮރަސްޕޮންޑަންޓް ވާއިލް ދަހްދޫ ބުނީ, އިންޒާރު ދިނުމަށް ފަހު ހޮސްޕިޓަލާ ދާދި ގާތަށް އިޒްރޭލުން ބޮން އަޅަމުން ގެންދާ ކަމަށާއި އެ ހަމަލާތަކުގައި ހޮސްޕިޓަލުގެ ބައެއް މިހާރުވެސް ހަލާކުވެއްޖެ ކަމަށެވެ.

އިޒްރޭލުން މިއަދު ހަވީރު ދިން ހަމަލާތަކުގައި އެއްގަމު މަގުން ބޯޑަރު ސަރަހައްދުން ހަމާސްގެ މުޖާހިދުންގެ ބަޔަކު މަރާލައި, އެމީހުން އެއްކޮށް ބަނދެ ވާ ޖަހައިގެން ވެކިހަލެއްގައި ބިންމަތީގައި ދަމާފައި ގެންދާ މަންޒަރުތައް ޔަހޫދީ ސިފައިން އާންމުކޮށްފައި ވެއެވެ. އެ ހަމަލާތަކާއި އަދި ބޯޑަރުގެ އެހެން ސަރަހައްދުތަކަށް މިރެއާއެކު ދެމުން ގެންދާ ހަމަލާތަކުގައި އިމާރާތްތަކާއި މީހުންގެ ފުރާނަ ގެއްލެމުން ދާއިރު އިޒްރޭލުގައި ތިބި ހަނގުރާމައަށް ތާއީދު ކުރާ މީހުން އުފާފާޅު ކުރާ މަންޒަރުތައްވެސް އާންމުކޮށްފައި ވެއެވެ.

މިއީ ގާޒާގެ އާންމުން މާޔޫސް ކޮށްލައި ނިކަމެތި ކޮށްލުމުގެ ނުލަފާ ޖަރީމާއެއް ކަމަށް މުރާސިލުން ބުނެފައި ވާއިރު, އާންމުންނަށް އަމާޒު ކޮށް ހަމަލާ ދޭތީ ނޯވޭ އާއި އެމެރިކާއިން ވެސް މިހާރު ކަންބޮޑުވެއްޖެއެވެ.

ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގާރު ވިދާޅުވީ, އޮކްޓޯބަރު 7, 2023 ގެ ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ހަމާސްގެ އެ ހަމަލާއާ ބައްދަލު ރައްދެއް ނޫން ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކުގައި ވެސް ބުނަނީ ހަމަހަމަ ވާން ޖެހޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, އިޒްރޭލުން ހަމާސްގެ ޓާގެޓް ތަކާއި އާންމުން ވަކި ކުރަން ޖެހޭނެ ކަމަށާއި އޭނާ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ވާހަކަ ދައްކަވާނެ ކަމަށެވެ.

ސީއެންއެންގައި ވާހަކަ ދައްކަވަމުން އޭނާ އެހެން ވިދާޅުވި ނަމަވެސް އޭގެ ފަހުން އޭބީސީ ނެޓްވާކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ, ހަމާސްގެ މުޖާހިދުން ފިލާ ތިބީ އާންމުންގެ ފަހަތުގައި ކަމަށެވެ. އެހެން ކަމުން ހަމާސްގެ ޓާގެޓް ތަކާއި އާންމުން ވަކިކުރުމުގައި އިޒްރޭލަށް އުނދަގޫވާ ކަމަށެވެ.

އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލަން ހިންގާ މި ނުރައްކާ ޖަރީމާގައި އެމެރިކާ އަކީ އެންމެ ބޮޑު ބައިވެރިޔާއެވެ. އިޒްރޭލުން އަޅާ ބޮންތަކާއި ބޭނުންކުރާ ބަރު ހަތިޔާރަކީ އެމެރިކާގެ ހަދިޔާއެވެ. މިސައިލާއި މިސައިލުން ދިފާއުވާ ނިޒާމުތަކަކީ ވެސް އެމެރިކާގެ ހަދިޔާއެވެ. ފައިސާގެ ގޮތުން އަހަރަކު ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން ދެމުން ގެންދާ އިރު, މުސްލިމް އާބާދީއެއް ނައްތާލަކީ ސީދާ އެމެރިކާގެ ސްޕޮންސާގައި ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުގެ އަދަދުތައް ދައްކާގޮތުން މިހާތަނަށް 8005 މީހަކު އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ.