ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ 19 އަންހެން ކެންޑިޑޭޓުން ސްޕޮންސާ ކޮށްދެއްވާ ހޮވާދެއްވުމަށް ވިޔަފާރި ވެރިންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ގައުމުގެ ހުރިހާ ކަމެއްގައި ވެސް އެންމެން ޝާމިލް ކުރެއްވުމަކީ ވަރަށް ބޮޑަށް ބޭނުންވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި އެގޮތުން އަންހެނުންނާއި ޒުވާނުންނަށް ވެސް ފުރުސަތުތައް އިތުރު ކުރެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިއަދާ ހަމައަށް އަންހެން ބޭފުޅުންގެ ޝާމިލުވުން ނެތް މިންވަރަށް ޝާމިލްވުން އިތުރު ކުރެއްވުމަކީ ވަރަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އަބަދު ތިބެން ޖެހޭނީ ފިރިހެން ބޭފުޅުން ނޫން ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ގާނޫނެކޭ އެއްގޮތަށް އެހެން ގޮތް ގޮތަށް ވެސް ދެ ޖިންސުގެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ލިބިގެންވާ ކަމަށެވެ.
ނަމަވެސް އެކަން ކުރެއްވުމަށް އަންހެން ކަނބަލުންނަށް ހިތްވަރު ދިނުމަށް އެންމެން ވެސް ތެދުވެވަޑައިގަންނަވަން ޖެހޭ ކަމަށާއި އެގޮތުން އެކަމުގައި ވިޔަފާރި ވެރިން ފުރިހަމަ އެއްބާރުލުން ދެއްވުމަށް މުއިއްޒު އެދިވަޑައިގަތެވެ.
އަދި މިވަގުތަށް ކަނޑައަޅާފައިވާ ޓާގެޓަކީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހުގެ 20 ޕަސެންޓު އަންހެން ބޭފުޅުންނަށް ހާއްސަ ކުރެއްވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެއީ 93 ގޮނޑީގެ ތެރެއިން 19 ގޮނޑިއެވެ. ބުނެލާ ބުނެލުމަކުން ކަންކަން ނުނިންމަވާ އަމަލުން އެކަން ދެއްކެވެމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
މީގެ އިތުރުންވެސް ކަނބަލުން މަޖިލީހަށް ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ އިއްޔެ ވިދާޅުވެފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އަންހެން ބޭފުޅުންނެވެ.