ގާޒާ ހުސްކުރުމުގެ އަމުރުތަކާއެކު ވެސް ގާޒާ ދޫކޮށް ދެވެން ނެތް ޒަހަމްވެފައި ތިބި އެތައް ހާސް ބަޔަކާއެކު ފުރި ބާރުވެފައި ވާ އަލް ގުދުސް ހޮސްޕިޓަލް ވަގުތުން ހުސްކުރުމަށް އިޒްރޭލުން އަންގައިފިއެވެ.

ފަލަސްތީން ރެޑް ކްރެސެންޓުން ބުނީ، ހޮސްޕިޓަލް ހުސްކޮށް ރައްކާތެރި ސަރަހައްދުތަކަށް ދާން އިޒްރޭލުން އަންގައިފި ކަމަށާއި ހޮސްޕިޓަލާއި ވަށައިގެން ވާ ސަރަހައްދުތަކަކީ ހަނގުރާމައިގެ ސަރަހައްދު ކަމަށް ވެސް ބުނެފައި ވާ ކަމަށެވެ. އަދި ހޮސްޕިޓަލް ދޫކޮށް ނުގޮސް ތިބެއްޖެ ނަމަ އެމީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާމެދު ޔަގީންކަން ނުދެވޭނެ ކަމަށް ވެސް ޔަހޫދީ އިޒްރޭލުން ބުނެފައި ވާކަށް ރެޑް ކްރެސެންޓުން ބުނެފައި ވެއެވެ.

"ހޮސްޕިޓަލަށް ބޮން އަޅާނަން، ތަން ދޫކޮށްފައި ދާން ވީ، ތި ތިބީ ހަނގުރާމައިގެ މައިދާނެއްގައި، ދޭ ދެކުނަށް ދޭ"

ރެޑް ކްރެސެންޓުން ބުނީ މިއަދު ހެނދުނު އެ ހޮސްޕިޓަލާ ގާތްގަނޑަކަށް 50 އަކަށް މީޓަރު ކައިރިއަށް އިޒްރޭލުން ހަމަލާ ދީފައި ވާ ކަމަށާއި އެ ހަމަލާގައި ހޮސްޕިޓަލާއި ވަށައިގެންވާ ސަރަހައްދުތަކަށް ލޮޅުން އަރައިގެން ދިޔަ ކަމަށެވެ.

ރެޑް ކްރެސެންޓުން ބުނީ، އިޒްރޭލުގެ އިންޒާރާ އެކުވެސް ހޮސްޕިޓަލް ދޫކޮށް ނުދާނެ ކަމަށް އެތާނގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން އޮފިޝަލުން ބުނެފައި ވާ ކަމަށާއި، ޒަހަމްވެފައި ވާ މީހުންނައިގެން ހޮސްޕިޓަލް ފުރި ބާރުވެފައި ވާ އިރު އެމީހުން ދޫކޮށް ނުދާނެ ކަމަށް ބުނެފައި ވާ ކަމަށެވެ.

ހޮސްޕިޓަލްގެ އިތުރުން ވަށައިގެންވާ ކޮމްޕައުންޑް ފުރިފައިވާނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ރައްކާތެރިކަން ވަދެ ތިބި މީހުންނައިގެންނެވެ. ޖުމްލަ އަދަދު ނޭނގުނަސް ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށް ބުނެފައި ވެއެވެ.

މިއަދު އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ބޭއްވި ނޫސްކޮންފަރެންސެއްގައި ހޮސްޕިޓަލަށް ބޮން އަޅާ ވާހަކަ ރޮއިޓާސް އިން އެހުމުން އެ ސުވާލަށް ޖަވާބު ދީފައެއް ނުވެއެވެ.

ހަމާސް ބަލިކުރުމުގެ ނަމުގައި ޔަހޫދީ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި އެތަން މިތަނަށް ބޮން އަޅަމުން ގެންދާ އިރު ދާދިފަހުން ވަނީ ހަމާސްގެ ކޮމާންޑް ސެންތަރުތަކުގެ ގޮތުގައި ހޮސްޕިޓަލްތައް ބޭނުން ކުރާ ކަމަށް ބުނެ އިޒްރޭލުން ހަމާސްގެ ދިދަ ހަރުކޮށް، މޭޒަކާއި ދެތިން ގޮނޑި ބަހައްޓާފައި ހުރި ކޮޓަރިއެއްގެ ފޮޓޯ އާންމު ކޮށްފައެވެ. އަދި އެއި ހޮސްޕިޓަލްގެ ބިންގަރާސް ކަމަށް ބުނެ 3ޑީ ކުރެއްހުންތަކެއް ވެސް އާންމު ކޮށްފައި ވެއެވެ.

މުޅި ގާޒާ ހުސްކުރުމުގެ ޔަހޫދީ ވިސްނުމުގައި އެމެރިކާގެ މަދަދާއެކު އިޒްރޭލުން ހަމަލާ ދެމުން އަންނަ އިރު އާންމުން ދިރިއުޅޭ އެތައްހާސް އިމާރާތެއް ވަނީ ގޮއްވާލައި ކުނޑިކުނޑި ކޮށްލާފައެވެ. ދެން ދިރުމެއް ހުރި ހަމަލާ ނުދެވޭ ތާކަށް ހުރީ ހޮސްޕިޓަލްތައް ކަމުން ބަހަނާއެއް އުފައްދާ އެތަންތަން ގޮއްވާލަން ރާވަމުން ދާ ކަމަށް އެނަލިސްޓުން ބުނެއެވެ.

ހަނގުރާމައިގެ ހާލަތުގައިވެސް ސިއްހީ ފަރުވާދޭ ތަންތަނާއި ސިއްހީ ފަރުވާ ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރައްކާތެރިކަން ދޭން ބައިނަލްއަގުވާމީ ގާނޫނު ތަކުން ލާޒިމު ކޮށްފައި އޮތް އިރުވެސް އިޒްރޭލުން އަމަލުކުރަމުން ދަނީ ބައިނަލްއަގުވާމީ ހުރިހާ ގާނުނުތަކާ މުޅިން ހިލާފައެވެ.

އާންމުން ރައްކާތެރި ކުރަން ޖެހޭނެ ކަމަށް އޮތަށް ބޮން އަޅަނީ އަންހެނުންނާއި ކުޑަކުދިންގެ ބޯ މައްޗަށެވެ. ހަމަލާ ދެނީ ދުއްވާފައި ދާ އެމްބިއުލާންސަށެވެ. ހަމަލާތަކުގެ ބިރަށް ގެދޮރު ދޫކޮށްފައި ދާ ގާފިލާތަކަށް ވެސް ހަމަލާ ދެއެވެ.

އެހެން ކަމުން އިޒްރޭލުގެ މި އިންޒާރާއެކު ހޮސްޕިޓަލް ގޮއްވާލައިފި ނަަމަ އެތައްހާސް ބަޔަކު ޝަހީދު ވާނެ ކަމަށް މުރާސިލުން ބުނެއެވެ.