ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުދިއުމުން، އެމްޑީޕީން ދެން އަމަލުކުރާނެ ގޮތެއް ނިންމުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވީ ނަމަވެސް، ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ އަށް ސަލާމް ދެންނެވުމުންނެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާކުރަނީ މި މައްސަލައިގައި ކޯޓަށް ދިއުމަށެވެ. 'ދަ ޕްރެސް' އިން ސުވާލުކުރުމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، މި މައްސަލައިގައި އަމަލުކުރާނެ ވަކި ގޮތެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އަދި ނުނިންމާ ކަމަށާއި، ނަމަވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އީވާ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގަވައި، ނަޝީދު ވަކިކުރާ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށް މެންބަރުންނަށް ދަންނަވާނެ ކަމަށް، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ މިއަދު ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ، އީވާ އަށް މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވޭ ގޮތް ނުވި ނަމަވެސް، ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނިއުޝާ އަށް ސިޓީ އެއް ވެސް ފޮނުއްވާފައި ވަނިކޮށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. އަދި މަޖިލީހުގައި އިތުރު މަސައްކަތެއް ދެން ކުރެވޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިމުމުން ކަމަށް ވެސް ގަވައިދުގައި ވެއެވެ.