ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާ އަށް ސަލާމް ވިދާޅުވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ މާދަމާ އަށް ފަސްކޮށްފިއެވެ.

އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ އަށް އީވާ ސަލާމް ވިދާޅުވެފައިވާ ކަން، މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދެއްވައިފައެވެ. އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިއަށް ދާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، ނަޝީދު މަގާމުން ވަކިކުރުމަށް އެދި ހުށަހަޅާފައިވާ ގަރާރު މަޖިލީހަށް ލިބުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ގަރާރު މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. އެ މާއްދާގައިވާ ގޮތުން ގަރާރު ލިބޭތާ ތިން ދުވަސް ތެރޭ މެންބަރުންނަށް ނޯޓިސް ފޮނުވައި، ނޯޓިސް ފޮނުވާތާ ރަސްމީ ބަންދުނޫން 14 ދުވަހުގެ ތެރޭ މަޖިލީހުގެ ޖަލްސާ އެއް ބާއްވަން ޖެހޭނެއެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުން، މަޖިލީހުގައި އިތުރު މަސައްކަތެއް ދެން ކުރެވޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރާ މައްސަލަ ނިމުމުންނެވެ.

ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ ދަށުން ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަތުމަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހައްގުގެ ދަށުން މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމަށް ދަންނަވާފައިވާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތެއް މަޖިލީހުގެ ރައީސަކަށް ނުބެލެހެއްޓޭނެއެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގެ އެޖެންޑާ ބެލެހެއްޓުމަށް އީވާ އަށް ދަންނަވާފައިވާނެ ކަމަށާއި، ނަމަވެސް އޭނާ ޖަލްސާ ފެށުމުގެ ދޮޅު ގަޑިއިރު ކުރިން ސަލާމް ވިދާޅުވެފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އެހެންކަމުން މާދަމާގެ ޖަލްސާ އަށް ވެސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކޮށް މެންބަރުންނަށް ދަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވިދާޅުވުމަށް ފަހު މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

ނަޝީދު ވަކިކުރުމުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފައި ވަނީ މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސިޓީ އެއް ވެސް ފޮނުއްވާފައި ވަނިކޮށެވެ.

ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ނަޝީދު ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީން އެމަނިކުފާނު ވަކިކުރުމަށް އަލުން ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅު އެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު، ގާތްގަނޑަކަށް އޭގެ މަހެއްހާ ދުވަސް ފަހުން 49 މެންބަރުންގެ ސޮޔާ އެކު މި މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވާފައި ވަނީ ގަރާރު ހުށަހެޅިތާ ތިންވަނަ އަށް ވީ ދުވަހުގައެވެ.