ރ. ވާދޫ ކައުންސިލުން 2021 ވަނަ އަހަރު ހެދި އޮޑިޓް ރިޕޯޓުން މާލިއްޔަތާ ގުޅުން ހުރި މައްސަލަތަކެއް ފެނިފައިވާތީ ބޭންކް އެކައުންޓްގައި ހުރި ފައިސާގެ އަދަދު ޔަގީންވެފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ރ ވާދޫ ކައުންސިލް އިދާރާގެ 2021 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ 3 މައްސަލައެއް ފާހަގަ ކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ފިނޭންސް މިނިސްޓްރީއަށް ދެއްކުމަށްޓަކައި އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ވާނެއެވެ. ނަމަވެސް ވާދޫ ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރު ބަލައިގަތް 53،304 ރުފިޔާގެ ތެރެއިން 42،754 ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

ހަމައެއާއެކު ވާދޫ ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ، ދުވަހު ފޮތުގައި އޮތީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޫން ކަަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެގޮތުން 2021 ވަނަ އަހަރު ލިބުނު އާމްދަނީގެ ގޮތުގައި ވިޔަ ޕޯޓަލްގެ އާމްދަނީ ރިޕޯޓުން ދައްކާ އަދަދާއި ދުވަހު ފޮތުން ދައްކާ އަދަދު އަޅާކިޔާއިރު، 337،227 ރުފިޔާގެ ފަރަގު އުޅޭ ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އޮޑިޓާ ޖެނެރަލް އޮފީހުން ބެލިބެލުމުގައި މިއީ 2020 ވަަނަ އަހަރު އެ ކައުންސިލުން ބަލައިގަނެ ދުވަހު ފޮތުގައި ރިކޯޑްކޮށްފައި ނުވާ ފައިސާއެވެ. އަދި އެ ފައިސާ 2021 ގައި ހިމަނާފައި ނުވުމުން އެ އިދާރާއަށް ލިބުނު ޖުމްލަ އާމްދަނީ ކަމަށް ދައްކާ އަދަދާއި ދުވަހު ފޮތާ ދިމާ ނުވާ ކަން ވަނީ ފާހަގަ ވެފައެވެ.

މީގެ އިތުރުންވެސް އެ ކައުންސިލުން ބޭންކް ރީކޮންސިލިއޭޝަން ތައްޔާރު ނުކުރާ މައްސަލަ ވެސް ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު އެ ކައުންސިލުން ކުރި އެންމެހާ މާލީ މުއާމަލާތްތައް އިދާރާގައި ރިކޯޑްކޮށްފައި ނެތުމުން އެ އިދާރާގެ ބޭންކް އެކައުންޓްތަކުގައި އަހަރު ނިމުނު އިރު، ހުރީ ކިހާ ފައިސާއެއްކަން ޔަގީން ވެފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.