އިޒްރޭލުގެ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ރޭ އދ ގެ އާންމު މަޖިލީހުގައި ވޯޓަށް އެހި ގަރާރަށް އިންޑިއާއިން ތާއީދު ނުކުރުމުން، އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރު ޕްރިޔަންކާ ގާނދީ ކޯފާ އިސްކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ، ރޭ އެކުރި ކަމަކީ ގައުމެއްގެ ގޮތުގައި އިންޑިއާއިން މިހާތަނަށް ކުރިހާ މަސައްކަތާ ދިމާ އިދިކޮޅު ކަމެއް ކަމަށާއި އެކަމާ ލަދުގަންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ގާޒާއަށް އިންސާނީ އެހީ ބޭނުންވެފައި އޮތް މިވަގުތު ހަނގުރާމަ ހުއްޓާލައި އިންސާނި އެހީ ފޯރުކޮށް ދިނުމަށް ގޮވާލައި ހުށަހެޅި ގަރާރަށް އިންޑިއާ އިން ވޯޓު ނުދިނުމުން 'ހައިރާންވެ ލަދުގަނެއްޖެ' ކަމަަށެވެ.

އަރަބިންގެ ތާއީދާއެކު އުރުދުން އިން ހުށަހެޅި ގަރާރު 121 މެންބަރުންގެ ވޯޓާއެކު ރޭ ފާސްވެފައި ވާ އިރު އިންޑިއާ އިން ވޯޓެއް ނުދެއެވެ. އިންޑިއާއިން ވޯޓު ނުދިނީ ކެނެޑާ އާއި އެމެރިކާއިން ވަކާލާތު ކުރި ގޮތަށް އެ ގަރާރުގައި އޮކްޓޯބަރު 7، 2023 ގެ ހަމަލާ ދިނީ 'ހަމާސް ޓެރަރިސްޓުން' ކަމަށް ނުލިޔެގެންނެވެ.

އިންޑިއާގެ އެ ނިންމުމަށް ފާޑު ވިދާޅުވެ ޕްރިޔަންކާ ވަނީ މަހާތުމާ ގާނދީގެ ބަސްކޮޅެއް ޓްވީޓް ކުރައްވާފައެވެ. އޭގައި އޮންނަނީ 'ލޮލަކަށް ލޮލެއް ނަގަން ވެއްޖެނަމަ މުޅި ދުނިޔެ އަނދިރި ވާނެ" ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އިންޑިއާގެ އަސާސް އަކީ ހަމަނުޖެހުމަށް ޖާގަ ނުދިނުމާއި ތެދުވެރިކަމުގެ މަތީގައި ސާބިތުވެ ތިބުން ކަމަށާއި އެއީ އިންޑިއާގެ ހައްގުގައި ކާބަފައިން ލޭއޮހޮރުވި އަސާސް ކަމަަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން އިންޑިއާ މިނިވަން ކުރުމަށް އެގައުމު ރައްޔިތުން ކުރި މިންނަން މަސައްކަތަށާއި އެ ބިމަށް ކާބަފައިން އޮހޮރުވާފައި ވާ ލެޔަށެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ގާނޫނު އަސާސީވެސް އޮތީ އެ އަސާސްގެ މަތީގައި ކަމަށާއި އެއީ ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ، އިންޑިއާއަކަށް ވާ ސަބަބުވެސް ކަމަށެވެ.

އެހެން ކަމުން، އެތައް މިލިއަން އަންހެން، ފިރިހެން އަދި ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަނެ، ބޯފެނާއި، ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ހައްގުތަކާއި މުވާސަލާތީ ހިދުމަތްތަކާއި ކަރަންޓް ކަނޑާލައިގެން ހިންގާ އުދުވާނާ ދެކޮޅަށް ތެދުވަން ނުކެރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި ރޭ ޝަހީދުވި މީހުން ނުލައި މިހާތަނަށް 7328 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. ޒަހަމްވި މީހުންގެ އަދަދު 18000 އިން މައްޗަށް ވަނީ އަރާފައެވެ.

ރޭގެ ވޯޓުގައި 121 ގައުމަކުން އެއްކޮޅަށް ވޯޓު ދިން އިރު، މި ސަރަހައްދުން ބަންގްލަދޭޝް، ރާއްޖެ، ޕާކިސްތާން އިން ވޯޓުދިނީ އެއްކޮޅަށެވެ. އިޒްރޭލާއި އެމެރިކާ ހިމެނޭހެން 14 ގައުމަކުން ވޯޓު ދިނީ ދެކޮޅަށެވެ. އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 43 ގައުމު ތިބި އިރު އިންޑިއާ ހިމެނުނީ އެ ލިސްޓުގައެވެ. އެ ލިސްޓުގައި އޮސްޓްރޭލިއާ، ކެނެޑާ، ޖަރުމަން، ޖަޕާން، ޔޫކްރައިން އަދި ޔޫކޭވެސް ހިމެނެއެވެ.