ޔަހުދީ އިޒްރޭލުން ރޭ ގާޒާ އަންދާ އަޅިއަށް ހަދާފައި ވާ އިރު، އެއްގަމު މަގުން އެރުމާ، އިޒްރޭލުގެ ދެބައިކުޅަ އެއްބައި މީހުން ދެކޮޅު ކަމަށް އޭބީސީ ނޫހުން ބުނެފިއެވެ.

އެނޫހުން ބުނީ، ހުކުރު ދުވަހު ނެގި ހިޔާލު ހޯދުމުގެ ނަތީޖާއިން ދެއްކީ އާބާދީގެ 49 ޕަސެންޓް މީހުން އެކަމާ ދެކޮޅު ހަދާ ކަމަށެވެ.

އެ ނަތީޖާ އެހެން އޮތް އިރު، ރޭ އެއްގަމާއި، ކަނޑާއި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު މިހާރުވެސް ޔަހޫދީ ސިފައިން ތިބީ ގާޒާގެ ތެރޭގައެވެ. ގާޒާގެ އުތުރަށް ޓޭންކަރުތަކުގައި ވަދެ އެކިއެކި ތަންތަނަށް ހަމަލާ ދެމުން އަންނަ އިރު، އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް އަރާ އަސީރު ކުރި މީހުން ގެންގޮސް ތިބީވެސް ގާޒާގައެވެ.

އެއްގަމު މަގުން އެރުމާ އިޒްރޭލުގެ ގިނަ ބަޔަކު ދެކޮޅު ހަދާފައި ވާ އިރު، އަސީރުންގެ އާއިލާތަކުން ވަނީ މިއަދު އިޒްރޭލު ސަރުކާރުގެ އިދާރާތަކުގެ ކުރިމައްޗަށް އެއްވެ، އަސީރުންގެ ހާލަކީ ކޮބައިތޯ އަހާ ސުވާލު ކޮށްފައެވެ. އަދި ރޭ އެހާ ވަރުގަދަ ހަމަލާތަކެއް ދިން އިރު އަސީރުން ކޮބާތޯވެސް އެމީހުން އަހަމުން އެބަދެއެވެ.

އެމީހުން ބުނެފައި ވަނީ، އަސީރުން ތިބި ކަމަށް ބުނާ ތަންތަނަށް ވެސް ބޮން އަޅައިފި ކަމަށާއި އެހެން ކަމުން އެމީހުންނަށް ވީ ގޮތެއް ސަރުކާރުން ބުނެދޭނެ ޖެހޭނެ ކަމަށެވެ.

އެމީހުންގެ މި ސުވާލުކަތަށް އިޒްރޭލު ސަރުކާރުން ޖަވާބު ދީފައެއް ނުވެއެވެ.

ރޭގެ ނުރައްކާތެރި ހަމަލާތަކުގައި ފުނޑުފުނޑު ކޮށްލާފައި ވާ އިމާރާތްތަކުގެ ކައިރީގައި މީހުން ހޯދުމަށް އާންމުން ހަރަކާތްތެރި ވަނީ

ރޭ ގާޒާ ފުނޑުނފުނޑު ކޮށްލި ހަމަލާތަކަށް ފަހު މިއަދު ލިބެމުން ދާ މަންޒަރުތަކުން ފެންނަނީ ދުރަށް މާ ދުރަށް އޮތް ނޭބާހުޑް [އަވަށްތައް] ހުރި ގޮތަށް އަންދާ އަޅިއަށް ހަދާފައި ވާތަނެވެ. ރޯމީހުންނާއި، ހާސްވެ ގޮތް ހުސްވެފައި ތިބި މީހުންނެވެ. އިމާރާތްތަކުގެ ގާކުނޑިތަކުގެ ދާށުވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތަކާއި ޝަހިދުވެފައި ތިބި މީހުންގެ ހަށިގަނޑުތައް ނަގައިގެން ސިއްހީ ފަރުވާއަކާ ހަމައަށް ގެންދާ މަންޒަރުތަކެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދާހިލީ ކަންކަމާ ބެހޭ ހަމާސްގެ ވިންގުން ބުނީ، ރޭގެ ހަމަލާތަކުގައި އެތައްހާސް އިމާތާރެއް ބިމާ ހަމަކޮށްލާފައި ވާ ކަމަށެވެ. އެތައް ބަޔަކު ޝަހީދުވެ އަދި ޒަހަމްވެފައި ވާނެ ކަމަށާއި އަދަދުތައް އަދި ސާފު ނުވާ ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަަސައްކަތުގައި އަވަދިނެތި އާންމުން ހަރަކާތްތެރިވަމުން ދާ އިރުވެސް އިޒްރޭލުން ދޭތެރެ ދޭތެރެ އިން އެކި ސަރަހައްދުތަކަށް ބޮން އަޅަމުން އެބަގެންދެއެވެ.

އިޒްރޭލުގެ އުދުވާން ހުއްޓާލުމަށް ގޮވާލައި ރޭ އދ ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކުރިނަމަވެސް އެއަށް އަމަލު ނުކުރާނެ ކަމަށް އިޒްރޭލުން ބުނެފައި ވާ އިރު އިޒްރޭލުން ހަނގުރާމައިގެ ޖަރީމާ ހިންގާތޯ ބަލަން އެކުލަވާލާފައިވާ އދ ގެ ކޮމިޓީގެ ޗެއާ ނަވީ ޕިއްލޭ ބުނީ، އިޒްރޭލުން ފަށާފައިވާ އުދުވާން ހުއްޓާލުމުގެ ވިސްނުމެއް އިޒްރޭލުގެ ނެތް ކަމަށެވެ.

އޭނާ ބުނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ގާނޫނު ތަންފީޒު ކުރުމުގެ ސަގާފަތެއް އޮތް އިޒްރޭލުން ގާޒާއަށް [ފަލަސްތީނަށް] ހަމަލާ ދެނީ ފާއިތުވެ 56 އަހަރުގެ ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އަތުލާފައި ވާ ބިންތައް ދެމެހެއްޓުމުގެ ބެނުމުގައި ކަމަށެވެ.

ރޭގެ ހަމަލާތަކުގެ ބިރު ގާޒާގެ ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދާ އިރު، އިޒްރޭލާއި އެމެރިކާއިން ބުނެފައި ވަނީ އެއީ ފެށުމެއް ކަމަަށާއި ހަނގުރާމަ އޮތީ ކުރިއަށް ކަމަށެވެ. ރޭ ނައްތާލި ހަމާސްގެ ކޮމާންޑަރުންގެ ވާހަކަ ހާމަކުރަމުން އިޒްރޭލުން ބުނީ، ހަމާސްގެ މުޖާހިދުން ތިބި 150 ޓަނަލެއް [ބިންގަރާހެއް] ގޮއްވާލި ކަމަަށެވެ.

ޔަހޫދީ އިޒްރޭލުގެ ހަމަލާތަކާ ގުޅޭ ގޮތުން ވައިޓްހައުސްގެ އަސްކަރީ ތަރުޖަމާނާ އަލްޖަޒީރާއިން ސުވާލު ކުރުމުން އޭނާ ބުނީ، އިޒްރޭލުން ހިންގާ އޮޕަރޭޝަނުގައި އެމެރިކާއިން ބައިވެރި ނުވާ ކަމަށާއި، އެމެރިކާއިން މަދަދާއި އެހީ ފޯރުކޮށްދޭ ކަމަށެވެ. އަދި އެކްސްޕާޓުންގެ އެހީ ބޭނުންވާ ކަންކަމުގައި އެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އެމެރިކާގެ ދައުރަކީ ހަނގުރާމަ މެދުއިރުމައްޗަށް ފުޅާވެގެން ދިޔަ ނުދިނުން ޔަގީން ކުރުން ކަމަށެވެ. އެގޮތުން އިޒްރޭލާ ގުޅުމެއް ނެތި އެމެރިކާއިން، ސަރަހައްދުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލާނެ ކަމަށާއި ހަމަލާ ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.