ގާޒާގެ އުތުރާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުގައި އިޒްރޭލުގެ އަޝްކެލޯންގައި ތިބި ބީބީސީގެ ރިޕޯޓަރުން ބުނީ, ގާޒާއަށް ވައްޓާލައި ބޮމުން ބިންގަނޑު ގުޑައިގެން ދާ އަސަރާއި އަޑު އެމީހުން ތިބި ހިސާބަށްވެސް ފޯރާ ކަމަށެވެ.
އާދަޔާ ހިލާފު ބާރުގަދަ ބޮން އަޅަމުން ދާ އިރު ކޮންމެ ގޮވުމަކާއެކު ގާޒާގެ ޖައްވުގެ ތެރެއަށް އަރައިގެން ދާ އަލިފާން ބޯޅަވެސް އެހިސާބަށް ފެނެއެވެ.
ހަނގުރާމަ ފެށިފަހުން މިއީ އެންމެ ވަރުގަދަ ހަމަލާތައް ދޭ ރޭ ކަމަށް ވާއިރު ޔަހޫދީ ތަރުޖަމާން ޑެނިއަލް ހަގަރީ ބުނީ, މިރޭ މީ އެރޭ ކަމަށާއި އެއްގަމު މަގުން އަރަނީ ކަމަށެވެ. އަދި މިހާރު ހަމަލާތައް އަމާޒު ކުރަމުން ދަނީ ހަމާސްގެ މުޖާހިދުން ތިބި ބިންގަރާސްތަކާއި ޓަނަލްތަކަށާއި އެމީހުންގެ އެހެނިހެން މަގާމުތަކަށް ކަމަށާއި ހަމަލާ ވަރުގަދަ ވާނެ ކަމަށެވެ.
އިތުރަށް ހަގަރީ ބުނީ, ހުރިހާ ދިމާއަކުން އިޒްރޭލުން ފުރިހަމަ އަށް ތައްޔާރުވެފައި ވާ ކަމަށާއި ހަމާސް އިން އަސީރު ކުރި މީހުން ސަލާމަތް ކުރަން އެއްގަމު މަގުން އަރާނެ ކަމަށެވެ.
މިރޭ އެއްގަމު މަގުންވެސް އަރަން ފަށާފައި ވާކަން ހާމަ ކުރަމުން އޭނާ ބުނީ, ގާޒާގެ އުތުރު ބިތުގައި ތިބި މީހަކު ވިއްޔާ ފައިބައިގެން ދާން ވީ ކަމަށާއި އެހެން ނޫނީ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މުޅި ގާޒާއިން މިހާރު ވަނީ މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައެވެ. ގާޒާގެ އުތުރުގައި ކަރަންޓެއްވެސް ނެތެވެ. އަޅާ ބޮންތަކުގެ ބާރު އަޑުފައްގަނޑާއި އަރައިގެން ދާ އަލިފާން ބޯޅަތަކުގެ އިތުރުން ހަމާސް އިން ފޮނުވާ ރޮކެޓުތަކެއްގެ އަލި ފެނުން ފިޔަވައި އެ ސަރަހައްދުގައި ވާއެއް ނުވާއެއް ނޭނގެއެވެ.
ގާޒާގެ ރެޑްކްރެސެންޓުން ބުނީ, އެމީހުންގެ ހުރިހާ ޓީމުތަކާ ގުޅުން ކެނޑިފައި ވާ ކަމަށެވެ.
މިހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާތީ އިޒްރޭލުން ބުނަނީ, ބޮން އަޅަމުން ދަނީ އިންޓެލިޖަންސް މައުލޫމާތުގެ އަލީގައި ސީދާ ހަމާސްގެ ޓާގެޓް ތަކަށެވެ. އިޒްރޭލުން އެހެން ބުނި އިރު ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް, އަދި ހަމަލާތަކުގައި ޒަހަމްވާ މީހުންނައިގެން ފުރި ބާރުވެފައި އޮތް ހޮސްޕިޓަލްގެ އަޑީގައި ބިންގަރާސް ހަދައިގެން ހަމާސްގެ މުޖާހިދުން ތިބި ކަމަށް ބުނެ 3ޑީ ކުރެހުންތަކެއް ވެސް މިރޭ ދައްކާފައި ވެއެވެ.
އިންސާނީ ނަސްލެއް ނައްތާލުމުގެ ނުރައްކާތެރި އުދުވާނެއް އިޒްރޭލުން ހިންގަމުން ދާ އިރު ބޭނުން ކުރާ ބޮމަކީ އެމެރިކާގެ އުފެއްދުމެވެ. މަދަދު ދެނީ އެމެރިކާއިންނެވެ.
އިޒްރޭލުން ހަމަލާތައް ވަރުގަދަ މި ކުރި ވަގުތަކީ, ހަމާސް އިން އަސީރު ކުރި މީހުން މިނިވަން ކުރުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށް ގެންދާ ވަގުތެއް ވެސް މެއެވެ. އެއާއެކު މަޝްވަރާތަކަށް ހިޔަނި އެޅޭނެ ކަމަށް މުރާސިލުން ބުނެފައި ވާ އިރު އެމެރިކާއިން ބުނަނީ މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި ހަމަލާތައް ވަރުގަދަ ވިޔަސް އެކަން ނުހުއްޓޭ ކަމަށެވެ.
ގާޒާގެ އެތެރޭގެ ހާލަތު މިހާރު ހުރި ގޮތުން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެފައި ވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓަރޭސް ދާދި ދެންމެ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިހާރު ހާލަތު ބަދަލުވަމުން އަންނަ ކަމަށާއި މުޅި ނިޒާމު ފުނޑުފުނޑުވެ އަލުން ބަލަން ޖެހިފައިވާ ކަމަށެވެ.
އެހީ ފޯރުކޮށްދޭ އދ ގެ އިދާރާ ޔޫއެންއާރުޑަބްލިއޭ އިން ބުނީ, ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެޖަމާއަތުގެ 14 މެންބަރަކު މަރުވެފައި ވާ ކަމަށެވެ. އެއާއެކު މަރުވި އެޖަމާއަތުގެ ސްޓާފުންގެ އަދަދު މިއަދާ ހަމައަށް 53 އަށް އެރީއެވެ.
ބޭހާއި ތެޔޮ ހުސްވެ އިންސާނީ އެހީ ހުއްޓެނީ ކަމުގެ އިންޒާރުވެސް އެޖަމާއަތުން ވަނީ ދީފައެވެ.
ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލްގެ އަޑީގައި ހަމާސްގެ މުޖާހިދުން ފިލާ ތިބިކަމަށް އިޒްރޭލުން ބުނެ ވަށައިގެން ހުރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އަމިއްލަ ސަލާމަތް ހޯދައިގެން ދާންވެސް އިންޒާރު ދީފިއެވެ. އިޒްރޭލުގެ މިވާހަކަތަކަކީ ހޮސްޕިޓަލް ގޮއްވާލަން އުޅެނީކަމަށް ވެދާނެ ކަމަށް މުރާސިލުން ބުނާ އިރު, ކަރަންޓާއި ނެޓް ކަނޑާލާފައި ވުމުން, ސާފު ހަބަރުތައް ލިބުމުގައި ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
އިޒުރޭލު ތިއުޅެނީ އަހުރުމެންއަތުން ބޮނޑިއެއް ބޯންވެގެން