މީހަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ވަކި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާދީފައެވެ.

އޭނާގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް އެ މައްސަލައިގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ ހުށަހަޅާފައިވާ ބަޔާންތަކާއި އަނިޔާ ލިބުނު މީހާ އާއި ހާދިސާ ހިނގިތަނުން ނަގައިފައިވާ ފޮޓޯތަކުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށެވެ.

އަދި އޭނާއާއެކު އިތުރު ބަޔަކުވެސް އެކަމުގައި ބައިވެރިވެފައިވާ ކަމަށް ވެއެވެ. އަދި ހަމައެހެންމެ އަނިޔާ ލިބުނު މީހާއާމެދު އަނިޔާވެރި ކަމަށް ބެލެވޭ ކަންތައްތަކެއް އޭނާ ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށާއި އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުންވެސް އޭނާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހެއް ކަމުން ފިލައިގެން ދިއުމުގެ އިހްތިމާލު އޮތްކަން ފެންނަ ކަމަށްވެސް އަމުރުގައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހަކށްވުރެ ދުވަހެއް އިތުރު ވަމުންދިޔަ ނަމަވެސް އެކަން ހައްލު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެކަމަށް ނުކުޅެދިފައެވެ. މިފަދަ ބިދޭސީން ދަނީ މުޖްތަމައުގެ އެކި ކުށްތަކަށް އަރައިގަނެ ގައުމުގެ އަމަން އަމާންކަން ނަގާލަމުންނެވެ.