ހުއްޓުމެއް ނެތި ބޮން އަޅާތާ 3 ހަފްތާވެގެން ދިޔަ އިރު ފަލސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 7،028 އަށް އަރާފައެވެ.
ޒަހަމްވި މީހުންގެ އަދަދު 18،000 އިން މައްޗަށް އަރާފައި ވާ އިރު، އިޒްރޭލުގެ އުދުވާނު ދިފާއު ކުރައްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ޝަހީދުވި ކަމަށް ގާޒާގެ އިދާރާތަކުން ހާމަ ކުރާ އަދަދުތަަކީ އަސްލު އަދަދުކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ގޮނޑު އަރުވާލައްވައި އެއީ ފޭކް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން ގާޒާގައި ހަރަކާތްތެރިވާ ނުސްވެރިން ޝަހީދު ކުރަންވެސް އިޒްރޭލުން ހަމަލާ ނުދޭ ކަމަށާއި، ދާދިފަހުން ޝަހީދުވި އަލް ޖަޒީރާގެ ނޫސްވެރިޔާގެ އާއިލާ ޝަހީދު ވީ ވެސް އިޒްރޭލުގެ ހަމަލާއެއްގައި ނޫން ކަމަށް އެމެރިކާއިން ވަނި ބުނެފައެވެ.
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ، އަލްޖަޒީރާގެ ނޫސްވެރިޔާ އާއިލް އަލް ދަދޫގެ އަންހެނުންނާއި ދަރިންނާއި ކާފަ ދަރިން ޝަހިދުވީ އިޒްރޭލުގެ ހަމަލާއެއްގައި ކަން ސާބިތުވާނެ އެއްވެސް ހެއްކެތް ނެތް ކަމަށެވެ.
އެމެރިކާއިން މިހެން ބުނާ އިރު، ގާޒާގެ އެތަން މިތަނަށް ބޮން އަޅަމުން ދާ ހަމައެކަނި ބަޔަކީ އިޒްރޭލެވެ. ހަމާސްގެ މަގާމުތަކަށް ކަމަށް ބުނެ އާންމުން ދިރިއުޅޭ ގެތައް އަންދާ އަޅިއަށް ހަދަމުން ދަނި އިޒްރޭލެވެ. ނޭބާހްޑް [އަވަށްތައް] ހުރިގޮތަށް އަންދާ އަޅިއަށް ހަދަމުން ދާ އިރު ވެއްޓި ކުނޑިކުނޑި ވެފައި ވާ އިމާރާތްތަކުގެ ދަށުން ސަލާމަތަށް އެތި ގޮވާ މީހުންގެ އަޑު ނުކެނޑެއެވެ. ޝަހީދު ހަށިގަނޑު ނުނެގި ގިނަދުވަސްވުމުން ކުނިވަސް ނުކެނޑެއެވެ.
އަލް ޖަޒީރައިން ބުނީ، ދަދޫގެ އާއިލާގެ އިތުރުން އެހެން ނޫސްވެރިއެއްގެ މުޅި އާއިލާ އެއްކޮށް ޝަހީދު ކޮށްލައިފިކަން މިއަދު އެނގިފައި ވާ ކަމަށެވެ.
އޮކްޓޯބަރު 7، 2023 ގެ ހަމަލާތައް ފެށިފަހުން މިހާތަނަށް 30 ނުސްވެރިއަކު މަރާލާފައި ވާއިރު އާންމުންގެ ތެރެއިން ޝަހީދުވެ ދިޔަ މީހުންނާއެކު އަދަދު 7000 އިން އަރައިގެން ވަނި ގޮސްފައެވެ.
އެމެރިކާގެ ރައީސްގެ ތުހުމަތާއެކު ގާޒާގެ ސިއްހީ ވުޒާރާއިން ވަނީ ޝަހީދުވި އެތައްހާސް ބައެއްގެ ފޮޓޯއާއި ނަން ހާމަކޮށް "އެއިން ކޮންމެ އަދަދެއްގެ ފަހަތުގައި ވާހަކައެއް ވާކަމަށް' ބުނެފައެވެ.
އިޒްރޭލުގެ ހަނގުރާމައަށް ހިފެހެއްޓުމެއް ނެތި އެމެރިކާއިން މަދަދު ދެމުން އަންނަ އިރު، ހަނގުރާމަ ހުއްޓާލައި ގާޒާއަށް އިންސާނީ އެހީ ވެއްދުމަށް ގޮވާލައި ހުރިހާ ގަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށް ބޭރުކޮށްލާފައެވެ. އަދި ބުނަމުން ދަނީ އިޒްރޭލަށް އަމިއްލަ ދިފާއުގައި ކޮންމެ ފަދަ ކަމެއްވެސް ކުރެވޭނެ ކަމަށާއި އެމެެރިކާ އަބަދުވެސް އޮންނާނީ އިޒްރޭލާ އެކުގައި ކަމަށެވެ.
އެމެރިކާގެ މިއަމަލުތަކަށް ދުނިޔޭގެ ތާއީދު ނެތް ނަމަވެސް ދުނިޔެއަށް ކުރެވޭ މާބޮޑުކަމެއް ނެތް އިރު އިޒްރޭލުގެ އޮފިޝަލުން ބުނަމުން ދަނީ، ފަަލަސްތީނުގައި ތިބީ 'ޖަނަވާރުން' ކަމަށާއި އިންސާނީ އެހީއާއި އެނޫންވެސް ހާލަތަކަށް ބަލަން ޖެހޭނީ އެއީ 'އިންސާނުން' ކަމަށް ވާނަމަ ކަމަށެވެ.
އަދި މިހާރު ފަށާފައި ވާ ހަނގުރާމަ އަކީ ގާޒާ އެއްކޮށް ހުސްކޮށްލައި ހަމާސް އެއްކޮށް ނައްތާނުލެވެނީސް ނުހުއްޓާނެ ހަނގުރާމައެއް ކަމަށްވެސް ބުނެފައި ވެއެވެ.