ކައުންސިލަށް އިންޒާރު ދިނުމާ ގުޅިގެން ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖު 2023" ދެން ކުރިއަށް ނުގެންދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ކުމުންދޫ ކައުންސިލުން ބުނީ ފުޓުސަލް މުބާރާތުގެ ފައިނަލް މެޗް ނިންމުމަށް މިއަދަށް ތާވަލްކޮށް ޓީމް ތަކަށް އަންގާފައިވީ ނަމަވެސް އިތުރަށް މި އަހަރުގެ މުބާރާތް ކުރިޔައް ގެންދިޔުމަށް މަސައްކަތް ކޮށްފިނަމަ ކުމުންދޫ ކައުންސިލް އިދާރާ އަށާއި މުވަޒަފުންނަށް ގެންލުން ތަކެއް ދީ، މާރާމާރީ ހިންގާނެކަމުގެ އިންޒާރު ކައުންސިލް އިދާރާއަށް ގޮސް ބަޔަކު މިއަދު ދީފައިވާ ކަމަށެވެ.

ރަށުގެ މަސްލަހަތު ގެއްލުވާލަން ފުރުސަތުދޭކަށް ކައުންސިލުން ބޭނުން ނުވާތީ ކުމުންދޫ އެ ފުޓުސަލް މުބާރާތް އިތުރައް ކުރިޔައް ނުގެންދާން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކަމަށްޓަކައި ރަށުގެ ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތައް މާފައް އެދޭ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

އެ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދަން ކައުންސިލުން މަސައްކަތްކޮށްފައިވާއިރު، މެޗު މެދުކަނޑާލާފައި ވަނީ ގޯލަކާމެދު ރެފްރީ ނިންމި ނިންމުމާމެދު ކުޅުންތެރިންގެ ހިތްހަމަނުޖެހުމާ ގުޅިގެން މެޗު ކުރިއަށް ނުގެންދެވިގެންނެވެ. އެއަށްފަހު ކައުންސިލުން ނިންމާފައި އޮތީ ފައިނަލް މެޗުގެ ނުނިމި އޮތް ބައި މިއަދު ކުރިއަށް ގެންދިއުމަށެވެ.

ކުމުންދޫ ކައުންސިލުން 2 ޑިވިޝަންއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023"ގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފިރިހެން ޑިވިޝަންގައި ބައިވެރި 7 ޓީމަކާއި އަންހެން ޑިވިޝަންގައި ބައިވެރިވި 3 ޓީމެކެވެ.

އަންހެނުންގެ ޑިވިޝަންގެ މެޗުތައް ނިންމާ ކައުންސިލުން ވަނީ އެކި ގޮތް ގޮތުން ހޮވާލެވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.