ހދ. ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާ މަޝްރޫކީ ކޮންސްޓްރަކްޝަން މިނިސްޓްރީ އިން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. އެމްޑަބްލިއުއެސްސީ އިން ބުނީ މި މަޝްރޫގެ ދަށުން ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅާ އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ކުމުންދޫގައި އަޅައިދީފައިވާ ކަމަށާއި މި މަޝްރޫގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

މި މަޝްރޫގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.

އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި މަޝްރޫއަކީ 102.17 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.