މުސްލިމް ނޫން ގައުމަކަށް ޕީއެލްއޯ އެންމެ ފުރަތަމަ ބަލައިގަތް ގައުމީ އިންޑިއާއެވެ. އެއީ 1970 އެވެ.
ނަމަވެސް މިއަދު އިންޑިއާ ފެންނަނީ ޔަހޫދީ އިޒްރޭލުގެ ގާތް ބައިވެރިއެއްގެ އިތުރުން ވިޔަފާރީގައި ވެސް މުހިންމު ބައިވެރިއްގެ ގޮތުގައެވެ.
އިޒްރޭލުން ފަލަސްތީނަށް ބޮން އަޅާ އިންސާނީ ނަސްލެއް ނައްތާލަމުން އަންނަ މި ދަނޑިވަޅުގައި އެކަމާ ދެކޮޅު ހަދާ ޝުއޫރުފާޅުކުރުމުގެ މާސިންގާ ބޮޑެތި ހަރަކާތްތަކާއި އެއްވުންތައް ދުނިޔޭގެ އެކި ގައުމުތަކުގައި އަންނަނީ ބާއްވަމުންނެވެ.
ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމާއި އިޒްރޭލު ކުށްވެރި ކުރުމާއި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ގޮވާލަމުން އަންނަ އިރު އިންޑިއާގައި ހިނގަމުން ދަނީ ތަފާތު 2 ޝުއޫެރެވެ.
އެއްބަޔަކު ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް ބާއްވަމުން އަންނަ އިރު އަނެއް ބަޔަކު އަޑުއުފުލަމުން ދަނީ އިޒްރޭލަށް ތާއީދު ކޮށެވެ. ދިއްލީގައި ހުންނަ އިޒްރޭލު އެމްބަސީގެ ކުރިމަތީގައި އިޒްރޭލު ދިދަ ހިފައިގެން ތިބެ ބަޔަކު ގޮވަމުން ދިޔައީ ހަނގުރާމައިގައި އިޒްރޭލާ ބައިވެރިވާން ބޭނުންވާ ކަމަށާއި އެމީހުން އިޒްރޭލަށް ގެންދިޔުމަށެވެ. އަދި އެމީހުންނަށް އިޒްރޭލުން ވަޒަންވެރިކަން ޔަގީން ކޮށްދިނުމަށް ވެސް ގޮވަމުން ދިޔައެވެ.
އިންޑިއާގެ އެކި ސްޓޭޓްތަކުގައި އިޒްރޭލާ އެއްކޮޅަށް އެއްބަޔަކު އަޑުއުފުލާ އެއްވުންތައް ބާއްވަމުން އަންނަ އިރު އެފަދަ އެއްވުންތައް ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރި ނުވާއިރު ފަލަސްތީނަށް ތާއިދު ކޮށް އިންޑިއާގެ މުސްލިމުންނާއި އަދި އިންސާނިއްޔަތުކަން ހުރި މީހުން ބާއްވަމުން އަންނަ އެއްވުންތައް ފުލުހުން ދަނީ ހުއްޓުވައި މީހުން ހައްޔަރުވެސް ކުރަމުންނެވެ.
އެގޮތުން އާބަދީ ބޮޑު އުއްތަރް ޕްރަދޭޝްގެ ހަމިޕޫރުގައި ދިރިއުޅޭ މުސްލިމް ދެ އިލްމުވެރިއަކު ފަލަސްތީނަށް ތާއިދުކޮށް ވަޓްސްއެޕް ޕޯސްޓެއް ކުރި މައްސަލައިގައި ފުލުހުން ވަނީ އެމީހުން ހޯދަން ފަށާފައެވެ. އެތަނުން އެކަކު ސުހައިލް އަންސޯރީ ފުލުހުން ހައްޔަރު ކޮށްފައި ވާ އިރު އާތިފް ޗައިދަރީ އަތުނުޖެހިގެން ފުލުހުން ދަނީ އޭނާ ހޯދަމުންނެވެ. އެމީހުންގެ ކުށަކީ ދެބައެއްގެ ދެމެދުގައި ނަފްރަތު އުފެއްދުމެވެ. އެ މާނަ ކުރުން އިންޑިއާއާިއ އިޒްރޭލާ ދެމެދުގައި އޮންނަ ގާތްކަމަށް ބުރޫއެރުވުން ނުވަތަ އިންޑިއާގައި ޔަހޫދީންނަށް ތާއީދު ކުރާ މީހުންނާއި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުން ކަމަށްވެސް މާނަ ކުރެވިދާނެ ކަމަށް މުރާސިލުން ބުނެއެވެ.
ހަމަ އެ ސްޓޭޓުގައި އަލިގާރް މުސްލިމް ޔުނިވާސިޓީގެ 4 ދަރިވަރަކު ފަލަސްތީނަށް ތާއީދުކޮށް އިހުތިޖާޖެއް ކުރި މައްސަލައިގައި ވެސް ވަނީ ކޭސް ލޮޖްކޮށް [މައްސަލައެއް އުފައްދާ ނުވަތަ ހުށަހަޅާ] ބަލަން ފަށާފައެވެ.
ނަމަވެސް ހަމަ އެ ސިޓީގައި ކަނާއަތުފިޔައިގެ ހިންދޫ ޖަމާއަތެއް ކަމަށްވާ ބަޖްރަންގް ދާލް އިން "ޑައުން ވިތް ޕަލެސްޓައިން، ޑައުން ވިތް ހަމާސް" [ފަލަސްތީނާއި ހަމާސް ނައްތާލައި ނުވަތަ ނުރުހޭ] ޖަހާ ބެނާތައް ހިފައިގެން މުޒާހަރާ ކޮށްފައި ވާ އިރު އިދާރާތަކުން އަޅާލާފައެއް ނުވެއެވެ. ނުވަތަ ހުއްޓުވާފައެއްވެސް ނުވެއެވެ.
ހަމައެގޮތަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފަަލަސްތީނަށް ތާއީދު ކޮށް ދަރިވަރުންނާއި އާންމުންނާއި ބައެއް އެކްޓިވިސްޓުން ބައިވެރިވެ ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވައި ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.
އަދި މަހާރާޝްތްރަ ސްޓޭޓުގައި ވެސް މުޒާހަރާކުރި މީހުންގެ ތެރެއިން ދެމީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
މީގެ އިތުރުން ފިލްމީ ތަރިން ގިނަ މުމްބާއީ [ބޮމްބޭ] ގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާއެއް ރޭވި އިސް އެކްޓިވިސްޓް ޕޫޖާ ޗިންޗޯލޭ ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މުޒާހަރާ ފެށުމުގެ 1 ދުވަސް ކުރިން އޭނާ ހައްޔަރު ކުރި އިރު މުޒާހަރާ ބޭއްވި ދުވަހު އިތުރު 3 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އެމީހުން ބުނީ، މުޒާހަރާގެ ތެރެއިން މައިކްރޯފޯން، ޕްލޭކާޑްސް އަތުލައި ބާރުގެ ބޭނުންކޮށްގެން މީހުން ހައްޔަރު ކުރި ކަމަށެވެ.
އެތަންތަނަކީ ވެރިކަން ކުރާ ބީޖޭޕީގެ ބާރު އޮތް ސްޓޭޓްތައް ކަމަށް ވިޔަސް އިދިކޮޅު ކޮންގްރެސްގެ ބާރު އޮތް ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރުގައި ވެސް ފުލުހުން ވަނީ ފަލަސްތީނަށް ތާއީދުކޮށް އެއްވުން ބޭއްވި މައްސަލައިގައި 10 އެކްޓިވިސްޓަކު ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން ފަލަސްތީނުގެ ދިދަ ލައި ވަޓްސްއެޕް ޕޯސްޓް ކޮށްގެން އިތުރު ދެމީހަކު ހައްޔަރު ކޮށްފައި ވެއެވެ.
އިޒްރޭލަށް ތާއީދު ކޮށް އިންޑިއާގެ އެތަން މިތާނގައި ހިނގާލުންތައް ބާއްވާ، ސޯޝަލްމީޑާގެ އެކި ޕްލެޓްފޯމްތަކުގައި އިޒްރޭލާއެކު އެމީހުން ތިބިކަމަށް ބުނެ ޕޯސްޓްތައް ކުރަމުން ދާއިރު އިޒްރޭލުން ގާޒާއަށް ދެމުން ދާ ހަމަލާ ތަކަކީ ހިންދޫންގެ ފަރާތުން ދޭ ހަމަލާތަކެއްކަމަށް ސިފަވާގޮތަށް ވެސް ޕޯސްޓްތައް ކޮށްފައި ވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކޮށްފައި ވެއެވެ.
މިދިޔަ ހޮނިހިރު 182 ކިލޯމީޓަރުގެ ދަތުރެއް ކަޑައްތު ކޮށް ރިޓާޔާ ކޮށްފައި ތިބި އިންޑިއާގެ އާމީގެ ސިފައިން ދިއްލީގައި ހުންނަ އިޒްރޭލު އެމްބަސީ ދޮށަށް ވެސް ވަނީ އެއްވެފައެވެ. އެމީހުންވެސް ވަނީ އިޒްރޭލާ އެކު ތިބިކަން ހާމަކޮށް ހަނގުރާމައަށް ދާން ފުރުސަތު ދިނުމަށް އެދިފައެވެ.
މީގެ އިތުރުން ހިންދޫންގެ ނުފޫޒުގަދަ އެކްޓިވިސްޓެއް ކަމަށް ވާ ޔަޓީ ނަރްސިންގްހަނާންދް ވީޑިއޯއެއް އާންމުކޮށް ވަނީ، ހިންދޫންނާއި ޔަހޫދީންގެ ދުޝްމަނަކީ އެކަކު ކަމަށާއި އެއީ "މުހައްމަދާއި އޭނާގެ ޝައިތާނީ ފޮތް" ކަމަށް ބުނެ ރަސޫލާއާއި ކީރިތި ޤުރުއާނަށް އިހުތިރާމް ކުޑްކޮށްފައެވެ. އަދި އޭނާ ވަނީ މުސްލިމުންގެ ދުވަސް ދުއްވާލުމަށް އިޒްރޭލުގައި ވަޒަންވެރިވުމުގެ ފުރުސަތު 1000 ހިންދޫންނަށް ދިނުމަށް ވެސް ގޮވާލާފައެވެ.
އިންޑިއާގައި ހުންނަ އިޒްރޭލު އެމްބެސެޑަރު ނޯރު ގިލޮން އާ ހަވާލާދީ އަލްޖަޒީރާ ބުނީ، އިޒްރޭލަށް ގޮސް ހަނގުރާމައިގައި ބާއިވެރިވާން އެދި އެތައް ހާސް ހިންދޫންނެއް އެދެމުން އަންނަ ކަމަށެވެ.
އިންޑިއާ އަކީ 1947 ގައި އިޒްރޭލުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅަށް އދ ގައި ވޯޓު ދީ ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އަކީ ފަލަސްތީންގެ ރައްޔިތުން ތަމްސީލު ކުރާ ދައުލަތް ކަމަށް 1974 ގައި ބަލައިގެން ގައުމެކެވެ. އެއީ މުސްލިމް ނޫން ގައުމަކަށް އެންމެ ފުރަތަމަ ޕީއެލްއޯ ބަލައިގަން ގައުމުވެސް މެއެވެ.
އިންޑިއާއިން އޭރު އެ ސްޓޭންޑް [އެގޮތަށް ނިންމީ] އިންޑިއާ އަކީވެސް އިންގިރޭސީންގެ އިސްތިއުމާރު ދެކެ ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނު ގައުމަކަށް ވެފައި ފަލަސްތީނުގެ ރައްރިތުންވެސް ތަހަންމަލް ކުރަންޖެހޭނެ ހާލު އިހުސާސް ކުރެވިގެންނެވެ.
އިންޑިއާއިން ފަލަސްތީން ބަލައިގެންފައި އޮތް އޮތުން ބަދަލު ނުވިނަމަވެސް އެގައުމުން ވަނީ 1950 ގައި އިޒްރޭލުގެ ދައުލަތް ބަލައިގެންފައެވެ. ނަމަވެސް 1992 އާ ޖެހެންދެން ސިޔާސީ ގުޅުން ގާއިމު ކޮށްފައެއް ނުވެއެވެ.
މިއަދު އިންޑިއާ އަކީ އިޒްރޭލުގައި އުފައްދާ ހަތިޔާރު އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. ދެގައުމުގެ ގުޅުން އިންތިހާއަށް ބަދަހުވެފައި ވާ އިރު ފަލަސްތީނާ ގުޅުން ކަނޑާލާފައި ނުވި ނަމަވެސް އިންޑިއާގެ ސިޔާސަތުތަކަށް އައިސްފައި ވާ ބަދަލާއެކު ފަލަސްތީނަށް ވުރެ މާބޮޑަށް ވެސް އިންޑިއާ އާ ގާތީ މިހާރު އިޒްރޭލެވެ.