ގާޒާ ވަށައި ބައްދާލައިގެން ތިބި އިޒްރޭލުން އަސާސީ ހުރިހާ ވަސީލަތެއް ހިފަހެއްޓުމަށް ފަހު ގާޒާއަށް ބޮން އަޅާ އެތައްހާސް ބަޔަކު ޝަހީދުކޮށް ޒަހަމް ކުރަމުން ދާ އިރު ފަރުވާ ދޭން ހުރި ހޮސްޕިޓަލްތަކުން ތެޔޮ ހުސްވެ މިރޭ ހޮސްޕިޓަލްތައް ހުއްޓޭނެއެވެ.
އދ އިން ބުނީ، ގާޒާއަށް އިންސާނީ އެހީގެ ތަކެތި ވައްދަން އިޒްރޭލުން ހުއްދަ ދިން ނަމަވެސް ތެޔޮ ނުވެދޭނެ ކަމަށް އަންގާފައި ވުމުން، ހޮސްޕިޓަލްތައް މިހާރު ހިނގަމުން ދަނީ އެންމެ ފަހަށް ހުރި ތެޔޮ ފޮދުގެ އެހީގައި ކަމަށެވެ. އެ މިންވަރުން ކަންކަން ހަމަޖައްސަމުން ގެންދާ އިރު ތެޔޮ ހުސްވެދާނެ ކަމުގެ އިންޒާރު އދ އިން ދެމުން ގެންދާތާ އެތައް ދުވަހެއް ވީ ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ގާޒާ އަށް ތެޔޮ ނުވެއްދޭނެ ކަމަށެވެ.
ގާޒާ އަށް ބޭނުންވާ ބޯފެނާއި، ކާބޯތަކެއްޗާއި، ބޭހާއި ކަރަންޓާއި ތެލަކީވެސް އިޒްރޭލުން ދިނިއްޔާ ލިބޭގޮތަށް އޮތް އެއްޗަކަށް ވާއިރު، އޮކްޓޯބަރު 7، 2023 ގެ ހަމަލާތަކާއެކު އެހުރިހާ ހިދުމަތެއް އިޒްރޭލުން ހުއްޓާލިއެވެ. އަދި ދުނިޔޭގެ އެތައް ގައުމަކާއި ޖަމިއްޔާ ޖަމާއަތްތަކަކުން، އިންސާނީ އެހީ ފޯރުކޮށްދޭން ގޮވަމުން ދިޔަ އިރުވެސް އެކަން ނުކޮށް ހިފަހައްޓާ އެމެރިކާއިން ބުނީމައި އެފުރުސަތު ދިން ނަމަވެސް ތެޔޮ ވެއްދުމުގެ ހުއްދައެއް ނެތެވެ.
އިޒްރޭލުން ބޮން އަޅާ ގާޒާ އެއްކޮށް ބިނާ ހަމަކޮށްފައި ވާ އިރު، ސަލާމަތުން ހުރިނަމަ ހުރި ހޮސްޕިޓަލެއް ހިންގަމުން ދަނީ ރިޒާވްގައި ހުރި ތެޔޮފޮދު ބޭނުން ކޮށްގެންނެވެ.
އެންމެ ފަހަށް ހުރި ތެޔޮ ފޮދު ހުއްޓި މިރޭ ހޮސްޕިޓަލްތައް އެއްކޮށް އަނދިރިވާނެ ކަމަށް އދ އިން ބުނެފައި ވާ އިރު، އެއިން ކޮންމެ ހޮސްޕިޓަލެއް ފުރެންދެން ތުއްތު ކުދިންނާއި، ޑައިލަސިސް ހަދާ މީހުންނާއި އެހެނިހެން ބަލިމީހުންގެ އިތުރުން ހަމަލާތަކުގައި ޒަހަމްވި މީހުން އެބަތިއްބެއެވެ. ވެންޓިލޭޓަރުތަކުގައި ތިބި ކުޑަކުދިންނާއި މީހުންވެސް އެބަތިއްބެއެވެ.
ހޮސްޕިޓަލް ނިމިއްޖެނަމަ މި އެންމެންގެ ފުރާނަ ދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފައި ވާ އިރުވެސް ޔަހޫދީ އިޒްރޭލުން ގޮތް ދުލެއް ނުކުރެއެވެ.
ގާޒާގެ މިއަދުގެ ހާލަތަކީ، ހަނގުރާމައިގެ ގަތުލު އާންމެއް ހިންގާ ތަނެއްގައި އޮތް ހާލަތަށް ވާއިރު، ގާޒާ ހުސްކޮށްލުމަށް އިޒްރޭލުން ބޮން އަޅަމުން ދަނީ ދިރިހުރި ފުރާނައެއް ހުއްޓަށް ނެތިކޮށްލުމަށެވެ.
ގާޒާ ތަޅާ ސުންނާފަތި ކޮށްލާނެ ކަމަށް ފާޅުގައި ނުބުންޏަސް ގާޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ގެދޮރުން ނިކުމެގެން ދާން އިޒްރޭލުން އޮތީ އިންޒާރު ދީފައެވެ. އަމާޒަކީ ހަމާސް ކަމަށް ބުނަމުން ބޮން އަޅާ ފުނޑުފުނޑު ކުރަނީ އަދި ޝަހީދު ކުރަނީ ހަމާސް އާ ގުޅުމެއް ނެތް އާންމު ތައްޔިތުންނެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެތައްހާސް ބަޔަކު ގެދޮރު ދޫކޮށް މިހާރުވެސް ގޮސްފައި ވާ އިރު، ދެވޭނެ ގޮތެއް ނެތި ތިބި މީހުންނާއި ޝަހީދުވިޔަސް ހެޔޮ ކަމަށް ވަޒަން ދޫނުކުރަން ތިބި މީހުނާއި ބަލި އެތައް ބަޔަކު އަދިވެސް ގާޒާގައި އެބަތިއްބެވެ.
ބޮންތަކުގެ ބިރަށް ގާޒާ ސިޓީން ފޭބި މީހުން ދެކުނު ބޮތުގެ ހާން ޔޫނިސް ފަދަ ތަންތަނުގައި ތިއްބަސް އެމީހުނަކަށް ވެސް ރައްކާތެރި ކަމެއް ނެތެވެ. ހާން ޔޫނިސް އާއި ރާމައްލޯ އާއި ހުޅަނގު އައްސޭރިއަށް ވެސް އިޒްރޭލުން ދަނީ ދޭތެރެ ދޭތެރެއިން ބޮން އަޅަމުންނެވެ.
ހާލުގައި ޖެހި މިލިއަނަކަށް ވުރެ ގިނަ މީހުން ތިބި އިރު ގެދޮރުން ނިކުމެގެން ދެކުނަށް ދިޔަ ބައެއް މީހުން ނިދަމުން ދަނީ ޝިފްޓް ބަހައިގެންނެވެ. އެގޮތުން ބައެއް ގޭގޭގައި ހިޔާވަހިކަން ހޯދައިގެން 70-80 މީހުން ތިބި އިރު އުނުގައި އޮތް އެންމެ ގަނޑެއްޗަކާއެކު ނިދާ ހަދަމުން ދަނީ ޝިފްޓް ޑިއުޓީގައެވެ. އެއްބަޔަކަށް ނިދަން ލިބެނީ އަނެއް ބަޔަކު ހޭލީމައެވެ. ކާން ލިބެނީ ޕާން ކޮޅަކާއި ކިއުކަންބާ ކޮޅެކެވެ. އޮއްޓަރު ކުރެއްވި ހެޔޮ ކާނާއިން މަހުރޫމުވެ، ބޯނެ ފެންތިކެއް ނެތި ގާޒާގެ ރައްޔިތުން ފަނާވެ ދަނީއެވެ.
އިޒްރޭލުގެ އުދުވާން ހުއްޓުވަން އެމެރިކާ ބޭނުން ނުވާ އިރު، މިހާރު ގާޒާގެ ރައްޔިތުން ޝަހީދު ކުރަން އަޅާ ބޮންތަކަކީ އެމެރިކާގެ ލޭބަލް ޖެހި އެމެރިކާއިން އިޒްރޭލަށް ހަދިޔާ ކުރި ބޮމެވެ.
އެންމެ ފަހުގެ އަދަދުތައް ދައްކާ ގޮތުން އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 5791 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ވާއިރު ކުޑަކުދިން ޝަހީދުވާ ނިސްބަތް ވަނީ ކޮންމެ 30 މިނެޓަކުން ކުއްޖަކު ޝަހީދުވަމުން ދާ ރޭޓުގައެވެ.
ގާޒާގެ ހޮސްޕިޓަލްތައް މިރޭ ހުއްޓޭ އިރު ނިއޯނޭޓަލް ކެއާ [ދުވަސް ނުފުރާ ވިހާ ކުދިންނާއި އެފަދަ ޔުނިޓެއްގައި ފަރުވާ ދޭންޖެހޭ ކުދިން] ގައި 130 ކުދިން އެބަތިބި ކަމަށް ހޮސްޕިޓަލްތަކާ ހަވާލާދީ ގާޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.