ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލުން ފަދަ ކަންކަމަކީ އެ ކުންފުންޏެއްގެ އިޖުރާއަތުގެ ތެރެއިން ހިނގާ ކަމަކަށްވީ ނަމަވެސް އިންތިގާލީ މަރުހަލާގައި އެފަދަ ކަންކަން ކުރުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

އިންތިގާލީ މަރުހަލާގެ މަސައްކަތް ފެށިގެން އައިއިރު ޕީސީބީ މެދުވެރިކޮށް ހުރިހާ ކުންފުނިތަކަކަށް މި މަރުހަލާއިގައި ކަންކަން ކުރިއަށް ގެންދަން ވީ ގޮތުގެ އިރުޝާދު ދީފައިވާނެ ކަން ފާހަގަ ކުރައްވަމުން ފިރުޒުލް ވިދާޅުވީ އެގޮތުން ބައެއް ކަހަލަ ކަންކަން ނުކުރުމަށާއި އަދި ބައެއް ކަހަލަ އުސޫލުތައް ހިފެހެއްޓުމަށް އަންގާފައިވާނެ ކަމަށެވެ.

ރާއްޖޭގެ ނިޒާމުގައި ވެސް ލިޔެކިޔުން ބެލެހެއްޓުމާ ގުޅޭ ގޮތުން ހާއްސަ އުސޫލުތަކެއް ކަނޑައެޅި ވަކި ގޮތަކަށް އަމަލު ކުރުމުގެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރިކަން ވެސް ފިރުޒުލްގެ ވާހަކައިގައި ފާހަގަ ކުރައްވާފައި ވާއިރު، ތަފްސީލީ ގޮތެއްގައި ވަކި ހާއްސަ ލިޔެކިޔުންތަކެއް ނައްތާލިކަމަށް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ އިލްތިމާސްއަކީ ހުރިހާ އިދާރާތަކާއި މުއައްސަސާތަކުން ވެސް ލިޔެކިޔުންތައް ބެލެހެއްޓުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހައްޓައިގެން މި މަރުހަލާގެ ރޫހާ އެއްގޮތަށް ކަންކަން ގެންދިޔުން ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ޖުމްލަގޮތެއްގައި ހުރިހާ އިދާރާތަކުން ވެސް އިންތިގާލީ ޓީމުން ހިތްހަމަ ޖެހޭ ވަރަށް އެއްބާރުލުން ދެމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލައެއް މިފަހުން ފެންމަތިވެފައި ވާއިރު އެ ކުންފުނިން ބުނެފައި ވަނީ އެއްވެސް މުހިންމު ލިޔުމެއް ނައްތާލައިފައި ނުވާނެ ކަމަށެވެ. އަދި ނައްތާލާފައި ވަނީ ގިނަ ދުވަސްވެފައި ހުރި ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔުންތައް ކަމަށް ބުނެފައި ވެއެވެ.

އިންތިގާލީ މަރުހަލާގެ ތެރޭގައި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކުން ލިޔެކިއުންތައް ނައްތާލާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.