ހާއްސަ އޮޑިޓްތަކެއް ހަދަންޖެހޭ އިދާރާތަކަކާއި މުއައްސަސާތަކެއް ހުރިކަން އިންތިގާލީ ކޮމިޓީއިން ހަދާފައިވާ ރިޕޯޓުތަކުން ފާހަގަ ކުރެވިފައިވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ބައެއް ތަންނުގެ ހާލަތު ހުރި ގޮތުން ހާއްސަ އޮޑިޓެއް ހަދަންޖެހޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ފިރުޒުލް ވިދާޅުވީ މިއަދު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފިރުޒުލް ވިދާޅުވީ އިންތިގާލީ ޓީމުތަކުން ހުށަހަޅާފައިވާ ރިޕޯޓްތަކުން، ހާއްސަ އޮޑިޓްތަކެއް ހަދަންޖެހޭ އިދާރާތަކަކާއި މުއައްސަސާތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވާއިރު، އެ ތަންނަނުގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްއަށް ދަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިންތިގާލީ ކޮމިޓީގެ ޓީމުތަކުން އެ އެކުލަވާލާ ރިޕޯޓުތަކުން އެ ތަނުގެ ހާލަތު ހުރިގޮތް ދެނެގަނެވުނު ނަމަވެސް ކަންބޮޑުވުންތައް ހުރި ތަންތަނުގެ ތަފްސީލީ މައުލޫމާތު ލިބޭނީ ހާއްސަ އޮޑިޓްއަކަށް ފަހު ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ސަރުކާރުގެ އޮނިގަނޑުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އިންތިގާލީ ޓީމުތަކުން ހުށަހެޅި ރިޕޯޓްތަކުގެ ތެރެއިން ފާހަގަވި ކަންކަމަށް ބެލުމަށްފަހު މިހާރު ކޮށްފައިވާ ކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަންވެސް ފާހަގަވެފައި ވާ ކަމަށެވެ. އެގޮތުން ކުރިއަށް ދެން އޮތީ ރިޕޯޓްތަކަށް ބިނާކޮށް މިހާރު ކުރެވިފައި ހުރި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން އެއްވެސް ފަރާތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އެއްވެސް އެއްޗެއް ހުއްޓުވާ ފަރާތަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިނުގަންނަވާނެ ކަމަށް، ކެމްޕެއިން ތެރޭގައި ވެސް އަދި އިންތިހާބުވެވަޑައިގަތުމަށް ފަހު ވެސް މުއިއްޒު ތަކުރާރުކޮށް ދަންނަވާފަވާކަން ފިރުޒުލްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ފަހުން އިއުލާނު ކުރެވިގެން ގޯއްޗަށާއި ފްލެޓަށް ހުށަހެޅުނު ފޯމުތަކާ ގުޅޭ ގޮތުން މަޝްވަރާތަށް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.