މާލޭގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ގޯއްޗާއި ފްލެޓް ދިނުމަށް ފެށި މަޝްރޫއުގެ ދެވަނަ ފިޔަވައްސަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، 40،594 ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގެދޮރުވެރިން ސްކީމްގެ ދެވަނަ ފިޔަވަހީގައި 4000 އަށް ވުރެ ގިނަ ގޯއްޗާއި 8000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުިވާލާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށޫން ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ އުތުރުތިލަފަޅުންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިއަދު ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، ޖުމްލަ 40،594 ފަރާރަތުން ފޯމް ހުށަހަޅާފައިވާ ކަަމަށެވެ. އޭގެތެރެއިން ގޯއްޗަށް އެދި 19347 ފޯމެއް އަދި ފްލެޓަށް އެދި 21247 ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދެވަނަ ފިޔަވަހީގައި ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. އަދި އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭއިރު، 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4,000 އަކަފޫޓެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން ހިމެނެއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ވިޔަވަހިން 8000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުންނެވެ. ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައިވުމާއެކު އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން ހިމެނެއެވެ. އަދި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ. މީގެ އިތުރުން އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން ވެސް ޝަރުތެއް ގޮތުގައި ހިމެނެއެވެ.

ގެދޮރުވެރިންގެ ސްކީމްގެ ފިުރަތަމަ ފިޔަވެހިން މާލެ ސަރަހއްދުން ވަނީ 9003 ފަރާތަކަށް ގޯތި ދީފައެވެ. މިހާރު ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ބިން ކަނޑައި ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހުރިހާ ގޯއްޗެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ހަވާލުކޮށް ނިމޭނެ ކަމަށް ހައުސިން މިިނސްޓްރީން ބުނެފައި ވެއެވެ.