މީގެ ދެ އަހަރު ކުރިން މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަށް މަޑު ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ އެކު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، އެ މައްސަލައިގެ ޝަރީއަތްތައް ލަހުން ކުރިއަށް ދާތީ އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށާއި ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ނަޝީދަށް ހަމަލަދިން މައްސަލައިގެ ޝަރީއަތް ލަސްވުމަށް މެދުވެރިވި ސަބަބުތައް އެކި އިދާރާތަކުން ދައްކާފައިވާ ކަމަށެވެ.

ފުރަތަމަ ސަބަބެއް ކަމަށް އައްބާސް ފާހަގަކުރެއްވީ ނަޝީދަށް ހަމަލަދިން މައްސަލައިގެ އަޑުއެހުންތަކާ ހަވާލުވި ބައެއް ފަނޑިޔާރުން ތަނާޒުލުވެ، ފަނޑިޔާރުން ބަދަލުވުމުން ގެންނަން ޖެހުނު ބަދަލުތަކުގެ ސަބަބުން އެ މައްސަލައިގެ ޝަރީއަތް ލަސްވުމެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު މަތީ ކޯޓެއްގެ ފަނޑިޔާރު ކަމަށް ޕްރޮމޯޓުވުމުން އެ ފަނޑިޔާރުގެ މަގާމު ހުސްވެފައި އޮތުމަކީ ވެސް ޝަރީއަތް ލަސްވި ސަބަބެއް ކަމަށް ފާހަގަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އާ ހަވާލާ ދެއްވައި ނަޝީދަށް ހަމަލަދިން މައްސަލައިގެ ޝަރީއަތް ލަސްވި އެހެން ސަބަބެއް ކަމަށް އައްބާސް ފާހަގަކުރެއްވީ، ކޯޓު އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެއްފަހަރާ 10 ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުންނަށް މައްސަލަތައް ބެލުމަށް ފަސޭހަނުވުމެވެ. އެކަމަކު ކޯޓުގައި ހުރި ޖާގަ މިހާރަށް ވުރެ ރަނގަޅަށް ބޭނުންކުރެވުނުނަމަ މައްސަލަ އަވަސްކުރެވުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމަށް އައްބާސް ހުށަހެޅުއްވި ހައްލަކީ ކޯޓުގެ ހިންގުން ހަރުދަނާކޮށް މައްސަލަ ބެލުން އަވަސްކުރުމަށްޓަކައި ޖޭއެސްސީ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ކަމާބެހޭ މާހިރުން ހޯދައި، ކޯޓުން ވަސީލަތްތައް ބޭނުންކުރާ ގޮތް ޖޭއެސްސީން ބަލައި، ފަންނީ ލަފާ ދިނުމަށެވެ.