ޒުވާނުންގެ ދުވަހާ ގުޅިގެން އއ. މަތިވެރީގައި ބޭއްވި މަސްރޭހުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިބުނު ފައިސާގެ އިނާމުގެ އިތުރުން މަސް ރޭހުގައި ބޭނި މަސް ވިއްކައިގެން ލިބުނު ފައިސާ ފަލަސްތީން ފަންޑަށް ހަދިޔާކޮށްފިއެވެ.

މަތިވެރި ކައުންސިލުން އިންތިޒާމް ކޮށްގެން ޒުވާނުންނަށް ހާއްސަކޮށް ބޭއްވި މަސްރޭހުގައި ޖުމްލަ 7 ޓީމަކުން ވާދަކޮށްފައި ވާއިރު މި މުބާރާތް ޝަރަފްވެރި ކޮށްދިނީ މިވަގުތު މަތިވެރީގައި ޗުއްޓީ ހޭދަ ކުރަމުންދާ ފަލަސްތީނުގެ ފަތުރުވެރިއެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލް މެންބަރު ހުސެއިން ނިހާން ވިދާޅުވީ، ވަނަތަކަށް ދިޔަ ފަރާތްތަކަށް ލިބުނު ފައިސާގެ އިނާމުގެ އިތުރުން މަސް ރޭހުގައި ބޭނި މަސްތައް ކިރައިގެން ލިބުނު ގާތްގަނޑަކަަށް 10،000 އަށް ވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޓީމް ތަކަށް ކައުންސިލްގެ ފަރާތުން ދިން ފައިސާގެ އިނާމް ތަކަކީ 1 ވަނައަށް 2000 ރުފިޔާ، 2 ވަނައަށް 1،500 ރުފިޔާ، އަދި 3 ވަނައަށް 1،000 ރުފިޔާއެވެ. އަދި މަސް ވިއްކައިގެންވެސް 6000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.

މަތިވެރީގައި ބޭއްވި މަސް ރޭސް / ފޮޓޯ: މަތިވެރި ކައުންސިލް

މީގެ އިތުރުންވެސް ނިހާން ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ރަށު ފެންވަރުގައި މި ހަފްތާ ތެރޭގައި އެކި ކަންކަން ރާވާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށެވެ. ރަށުގެ ކުދި ބޮޑު އެންމެންގެ އިތުރުން އެކި މުއައްސާސަތުކުގެ ވެސް އެއްބާރުލުން ނުހަނު ލިބެމުންދާ ކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ ސްޓެލްކޯ އިންޖީނުގޭގެ އިސްނެގުމުގެ މަތިން އަންނަ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތު ދުވަހުވެސް ސައިކަލު ދޮވުމާއި އޭސީ ސާވިސް ކުރުމުާއި ޑިންގީ ފެހި ކެހުން ފަދަ މަސައްކަތް ކުރަމުންދާނެ ކަމަށާއި އެކަމުން ލިބޭ ފައިސާ ވެސް ހަދިޔާ ކުރުން ހަމަޖެހިފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ވިޔަފާރިވެރިންގެ ތާއީދުވެސް ލިބޭކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ ފިހާރަ ތަކާއި ރެސްޓޯރެންޓްތަކުގައި ވެސް ފަންޑް ފޮށި ބަހައްޓާފައިވާ ކަމަށެވެ.

https://www.facebook.com/100064872513378/posts/727217806117297/?mibextid=cr9u03

އަދި މި ފައިސާ ރަސްމީކޮށް ހަވާލު ކުރާނީ ހުރިހާ މަސައްކަތަކެއް ނިންމުމަށްފަހު ލިބޭ ހުރިހާ ރުފިޔާ އެއްކޮށް ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށް ޔަހޫދީ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މުސްލިމުންގެ އަދަދު ވަނީ 4600 ފަހަނަ އަޅާ ގޮސްފައެވެ.

މި ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ދިވެހިންވެސް އަންނަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ)ގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ހާއްސަ ފަންޑެއް ހުޅުވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ހައްދު ފަހަނަ އަޅާފައިވާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އަޑު އުފުލަމުންނެވެ.