ދެން އޮތީ އެއްގަމު މަގުން އަރާ، މުޅިންތަން ސާފުކުރުން ކަމަށް ބުނެ، އެކަމުގައި ކުރިމަތިލާން ޖެހިދާނެ ހަމަލާއެއް މައިތި ކުރަން ވައިގެ ހަމަލާތައް އިޒްރޭލުން ވަދުގަދަ ކޮށްފިއެވެ.

3 ސްޓޭޖަކަށް ބަހާލައިގެން ގެއްދާ ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ނިމެން ކައިރިވެފައި ވަނިކޮށް ވައިގެ ހަމަލާތައް ވަރުގަދަ ކުރިކަން އަންގާ އިޒްރޭލުން ވަނީ ހުޅަނގު އައްސޭރިއަށް ވެސް ބޮން އަޅަން ފަށާފައެވެ. އިޒްރޭލުން ބުނީ، އެއްގަމުން އަރާ އިރު ދިމާވެދާނެ ނުރައްކާތައް ކުޑަކުރުމަށްޓަކައި ވައިގެ ހަމަލާތައް ވަރުގަދަ ކޮށް އިތުރު ކޮށްފައި ވާ ކަމަށެވެ. ބޭނުމަކީ މިހާރުވެސް ސަހަރާއަކަށް ހަދާލާފައިވާ ގާޒާ އިތުރަށް ތަޅާ ތިރިކޮށް، ޖެހިގެން އޮންނަ ހުޅަނގު އައްސޭރިވެސް ފުނޑުފުނޑު ކޮށްލުމެވެ.

އެގޮތުން ހުޅަނގު އައްސޭރީގައި ހުރި މިސްކިތެއްގެ ބިންގަރާހުގައި މުޖާހިދުން ތިބި ކަމަށް ބަލާއި މިސްކިތަށް ހަމަލާދީ ވަނީ ގޮއްވާލާފައެވެ.

އިޒްރޭލް ޑިފެންސް ފޯސްގެ ތަރުޖަމާން ބުނީ، މިހާރު އަމާޒު ހިފާފައި ހުރީ 3 ވަނަ ސްޓޭޖުގެ އޮޕަރޭޝަން [އެއްގަމު މަގުން ފަށާ އޮޕަރޭޝް] ގެ ކުރިން ވައިގެ މަގުން ދޭ ހަމަލާތައް ވަރުގަދަ ކޮށް ތަން އަމާން ކުރުން ކަމަށެވެ. އެގޮތުން މިހާރު ދޭ ހަމަލާތައް ގިނަ ވާނެ ކަމަށާއި އެއްގަމު މަގުން އަރާނީ ހަމަޔަކަށް އަޅުވާފައި ކަމަށެވެ.

"ހުރިހާ ނުރައްކަލެއް ނައްތާލާނަން، މިހާރު ވައިގެ ހަމަލާ އިތުރު ކޮށް ކުރިއަށް ދަނީ އެމަސައްކަތް، ދެން އޮތް ސްޓޭޖް އަވަހަށް ފެށުމަށްޓަކައި ތައްޔާރުވަމުން މިދަނީ"
ތަރުޖަމާން

ހުޅަނގު އައްސޭރީގެ ޖެނީންގައި ހުރި އަލް އަންސޯރު މިސްކިތަށް ދިން ހަމަލާގައި 3 މީހަކު ޝަހީދުވި އިރު އެއްވެސް މީހަކަށް އަނިޔާވި ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އިޒްރޭލުގެ މިހާރުގެ އަމާޒަކީ ކޮޅަށް ހުރި އިމާރާތެއް ވިއްޔާ ގޮއްވާލުމެވެ. ބިމާ ހަމަކޮށްލުމެވެ. ޝަހީދުވާނެ ބަޔަކު ވާން ވީއެވެ. އެތައް ހާސް ބަޔަކު ޒަހަމްވިޔަސް ވެސް ފަރުވާލެއް ނެތެވެ.

އިތުރުން އިޒްރޭލުން ބުނީ، ހަމާސް އާއި އިސްލާމިކް ޖިހާދުގެ އެކި އެކި ތަންތަނުން އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް އަންނަކަމުގެ އިންޓެލިޖަންސް މައުލޫމާތު ލިބިފައި ވާ ކަމަށާއި، އެ ހުރިހާ ތަނެއްވެސް ނައްތާލާނެ ކަމަށެވެ.

ގާޒާ ސިޓީގެ އިތުރުން ހުޅަނގު އައްސޭރިއަށް ދެމުން ގެންދާ ހަމަލާތަކުގައި އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް 90 މީހަކު ވަނީ ޝަހީދުވެފައެވެ.

އެއްގަމު މަގުން އަރަން ހުރިހާ ތައްޔާރީތަކެއް ވަމުން އަންނަ އިރު އިޒްރޭލުން ވަނީ އަރަބި ބަހުން ލިޔެފައި ހުރި ލީފްލެޓް މަތިން އަޅާފައެވެ. އޭގައި ލިޔެފައި އޮންނަނީ އުތުރު އެކީ ހުސްކުރުމަށާއި ނޫނީ އިޒްރޭލުގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލުމަށެވެ. އަދި އެގޮތުން ނުފައިބައި ތިބޭ މީހުންނަކީ ޓެސްރިސްޓް ޖަމާއަތްތަކާ ގުޅޭ ނުވަތަ ވާގިދޭ މީހުން ކަމަށް ބަލާނެ ކަމަށް ވެސް ބުނެ ބިރުދައްކާފައި ވެއެވެ.

ގާޒާ ސިޓީއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 4300 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. ތަފާތު ސަބަބުތަކާ ހުރެ ގާޒާގެ އުތުރުން ނުފޭބި ތިބި މީހުންނާއި ނުފައިބަން ތިބި މީހުން ބައިވަރު ތިބި އިރު އެއްގަމު މަގުން އަރައިގަތުމަށް އިޒްރޭލުން ތައްޔާރު ކޮށްފައި އޮތް ފައުޖުގައި 150،000 އެއްހާ ސިފައިން ހިމެނެއެވެ. އެމީހުން ވަނީ ތައުރާތުގެ އާޔަތްތައް ކިޔާ، ދުޝްމަނުން ކަމަށް ބަލައި ދިރޭ ކޮންމެ ފުރާނައެއް މެރުން އެމީހުނަށް ހުއްދަ ވާކަމަށް ހުވާކޮށްފައެވެ.

ގާޒާގެ އުތުރަކީ 1.1 މިލިއަން މީހުން ދިރިއުޅުނު ތަނެކެވެ. ނަމަވެސް އިޒްރޭލުގެ އުދުވާނާއި ބިރުދެއްކުމާއެކު ފައިބައިގެން ދިޔަ މީހުންގެ އަދަދުވެސް މިހާރު މިލިއަނަކާ ގާތް ކުރެއެވެ. ގިނަ ބަޔަކު ދިޔައީ ހާން ޔޫނިސް އަށެވެ. އަނެއް ބަޔަކު ދެކުނު ބިރުން ރަފާއަށް ގޮސްފައި ވާ އިރު އޭގެ ތެރޭގައި ހިމެނޭ މާބަނޑު އަންހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިންގެ އަދަދު 495،000 އަށް އަރައެވެ.

ބައެއް ހަބަރުތައް ބުނާގޮތުން، އިޒްރޭލުގެ ފައުޖާއެކު ގާޒާއަށް އަރައިގަތުމުގައި ބައިވެރިވާން އެމެރިކާގެ 30،000 އެއްހާ ސިފައިންވެސް ތިބީ އެމީހުންނާއެކުގައެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލަށް ކުރެއްވި ދަތުރުގައި ވަނީ އިޒްރޭލު ސިފައިންނާއެކު ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުގެ ސިފައިންނާ ބައްދަލު ކުރައްވާ ހިތްވަރުވެސް ދެއްވާފައެވެ.

އަދި މިހާރު އެމެރިކާއިން ތައްޔާރުވަމުން ދަނީ އިތުރު މިސައިލާއި މިސައިލް ޑިފެންސް ސިސްޓަމާއި އިތުރު ސިފައިން ފޮނުވުމުގެ މަސައްކަތް ކުރަމުން ކަމަށް އެގައުމުގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންވެސް ވަނީ ވިދާޅުވެފައެވެ.

އަދި ތާމަން ހައި އަލްޓިޓިއުޑް އޭޑިއާ ޑިފެންސް (ތާޑް) ނިޒާމު މިހާރު އެކްޓިޥޭޓް ކޮށްފައި ވާ ކަމަށާއި އެ ނިޒާމުގެ އެހީގައި އިޒްރޭލާއި އެމެރިކާގެ ފައުޖުތަކަށް އަމާޒުވާ ހަމަލާތައް މާ ދުރުން ހުއްޓުވޭނެ ކަމަށް ވިދާޅުވެއެވެ. މީގެ އިތުރުން މެދުއިރުމަތީގައި އެމެރިކާއިން ގާއިމުވެ ތިބި އެކިއެކި ބޭސްތަކަށް އިތުރު ބެޓޭލިއަނުން [ސިފައިން] ފޮނުވަން ފަށާފައި ވާކަމަށް ވެސް ވިދާޅުވިއެވެ. އެ ޓީމު ތަކަކީ ކޮންމެ ވަގުތަކުވެސް ހަނގުރާމައަށް ރެޑީ ޓީމްތައް ކަމަށާއި އިޒްރޭލު ދިފާއު ކުރުމުގައި އެމެރިކާ ފުރިހަމައަށް ބައިވެރިވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ އުދުވާނު އިތުރަށް ވަރުގަދަ ކުރަމުން ދާ މި ދަނޑިވަޅުގައި އިޒްރޭލުން ވަނީ ގާޒާގެ ރައްޔިތުން ފައިބައިގެން މިސްރަށާއި އުރުދުންއަށް ދިޔުމަށް ވެސް ނަސޭހަތްތެރި ވެފައެވެ. އަދި ލުބުނާނުގެ ހިޒުބުއްލޯ އަށް އިނޒާރު ދީ ބުނެފައި ވަނީ ހަނގުރާމައަށް ނުވަނުމަށާއި ނަތީޖާ ގޯސްވާނެ ކަމަށެވެ.