އިންޑިއާގެ ޓަމިލްނާޑޫ ކުންފުންޏަކުން ރާއްޖެއަށް ބޭސް އެތެރެ ކުރުމަށް އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއި ކުރަން އުޅޭ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން ކުރި ތުހުމަތު އެސްޓީއޯ އިން ދޮގުކޮށްފިއެވެ.
އެސްޓީއޯ އިން މި ވާހަކަތައް ދޮގު ކުރީ، އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ ކުންފުންޏަކާއެކު އެސްޓީއޯއިން އެއްބަސްވުމެއްގައިސޮއިކުރަން އުޅޭ ކަމަށް ބުނި ވާހަކަތައް ނޫސްތަކުގައި ޖެހުމުންނެވެ. އެކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ، އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން އަދި އަންގާފައި ނުވާ ކަމަށެވެ.
އެ ހަބަރު ޖެހުމުގެ ކުރިން އެއްވެސް ފަރާތަކުން އެސްޓީއޯގެ ބަހެއް ހޯދާފައި ނުވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
މިއަދު އިންތިހާބީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ، އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ބޭހުގެ އިތުރުން އެކިއެކި ސަޕްލައި ފޯރުކޮށް ދިނުމަށް ހާއްސަ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމުކުރުުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާކަން ފާހަގަ ވެފައި ކަމަށެވެ. މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާ ގުޅޭ މުހިންމު ކަމަކަށް ވެފައި، ބައެއް ކަންކަން ބަލަމުން ދާތީ މި މަރުހަލާގައި އެކަން ކުރިއަށް ނުގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފްތާގައި ވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ ސިއްހީ ދާއިރާ މިހާރު އޮތް ހާލަތު ދެމިގެން ގޮސްފިނަމަ އަންނަ މަހުގެ މެދާ ހިސާބަށް ދާއިރު ގިނަ ހިދުމަތްތަކެއް ހުއްޓުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. ސިއްހީ ދާއިރާގައި އަމަލު ކުރަމުންދާ އުސޫލަކީ ކޮންމެ އަހަރަކު 2 ފަހަރު ކޮންސިއުމަބަލްސް އޯޑަރު ކުރުން ކަމަށާއި ނަމަވެސް މިއަހަރުގެ މިހަތާނަށް އައިއިރު މި އަހަރުގެ 2 ވަނަ 6 މަސް ދުވަހަށް ބޭނުންވާ ކޮންސިއުމަބަލްސް އަށް އޯޑަރު ކޮށްފައި ނުވާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.