އިޒްރޭލުން ގާޒާއަށް ދޭ ހަމަލާ ތަކާ ގުޅިގެން އެކި ގައުމުތަކުގައި ހިންގާ މުޒާހަރާތަކާއި، ރައްޔިތުން ފާޅުކުރާ ޝުއޫރުތަކުން އެމެރިކާ ރައްޔިތުންނަށް ނުރައްކާ އޮވެދާނެ ކަމަށް ބުނެ ގައުމުން ބޭރުގައި ތިބި ރައްޔިތުން ސަމާލުވުމަށް އަންގާ ރެޑް އެލާޓެއް ނެރެފިއެވެ.

ޓްރެވަލް ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މި އެލާޓް ނެރެފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ނުތަނަވަސްކަން އިތުރުވެ، ޓެރަރިސްޓް ހަމަލާތަކާއި މުޒާހަރާތައް ނުވަތަ އެމެރިކާގެ ރައްޔިތުންނާއި މަސްލަހަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި އެގައުމުން ބޭރުގައި ތިބި އެމެރިކާގެ ރައްޔިތުން "އިތުރަށް ސަމާލުވުމަށް" ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ ކުރިން މިފަދަ އެލާޓެއް ނެރެފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާއިން އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލިއިރުއެވެ.

ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން ގާޒާއަށް އަތްގަދަކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔެ ބޮޑު ސިހުމަކަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ، ގާޒާގެ ހޮސްޕިޓަަލަކަށް ދިން ހަމަލާއަށް ފަހުއެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ކަނކޮޅުތަކުން މި ހަމަލާ ކުށްވެރިކޮށް އަޑުއުފުލުން އިތުރުވެފައި ވާ އިރު، އެމެރިކާ އޮތީ އިޒްރޭލާ އެކުގައެވެ. އެހެންކަމަމުން ގިނަ ބަޔަކު އަންނަނީ އެމެރިކާ ކުށްވެރިކޮށް އެ ޖަރީމާގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.

އެގޮތުން ގިނަ ގައުމުތަކުގައި ރައްޔިތުން ނިކުމެ މުޒާހަރާ ކުރަމުން އަންނަ އިރު، މީގެ ކުރިން އިޒްރޭލުން ދެމުންދާ ހަމަލާ ތަކާ ގުޅިގެން ބައެއް ގައުމުތަކަށް ޒިޔާރަތްކުރި އިޒްރޭލް ޓޫރިސްޓުންނަށް ވެސް ވަނީ ހަމަލާ ދީފައެވެ. އަދި މަސްލަހަތު ގޯސްވެދާނެ ކަމަށް ބަލައި 13 ގައުމަކުން ވަނީ އިޒްރޭލް ރައްޔިތުންނަށް އެ ގައުމަށް އތެރެނުވެވޭނެ ގޮތް ވެސް ހަދާފައެވެ.