އިޒްރޭލުން ގާޒާ ފުނޑާލަމުން ދާތާ ދެހަފްތާ ވާން ދަނިކޮށް، މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނުގެ ދައުލަތް ގާއިމު ކުރުން ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގް ޕިން ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް ޗައިނާގެ ސްޓޭންޑަކީ [ގަބޫލު ކުރާ ގޮތަކީ] އެއީ ކަމަށް ވީ ނަމަވެސް ނުފޫޒު ގަދަ ޗައިނާގެ ރައީސް މި މޭރުމުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.

އޭނާ ވިދާޅުވީ ހަމަނުޖެހުން އިތުރަށް ފުޅާވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެ މުހިންމު ކަމަކީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމު ކުރުން ކަމަށެވެ. އަދި ހަނގުރާމަ ދިގުލައިގެން ދާނަމަ އޮޅުންބޮޅުން ބޮޑު ނުވަތަ ކުރިފަޅައިގެން ދާ އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށެވެ.

ޗައިނާގެ ސީސީޓީވީ އިން ބުނީ، މިސްރުގެ މުސްތޮފާ މަދުބޯލީ އާއެކު ޗައިނާގެ ވެރިރަށް ބެިއޖިންގައި ބޭއްވި ބައްދަލުވުމުގައި، ފަލަސްތީނު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މިސްރާއި އަރަބިންނާ ގުޅިގެން ޗައިނާއިން މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ. އެގޮތުން ދާއިމީ ހައްލަކީ އިޒްރޭލުގެ ދައުލަތް އުފެއްދި ގޮތަށް ޕަލަސްތީނުގެ ދައުލަތްވެސް އުފެއްދުން ކަމަށާއި އެ މަގަށް މަސައްކަތް ކުރަން ޗައިނާ ތައްޔާރު ކަމަަށެވެ.

މިސްރުގެ ބޮޑުވަޒީރު ޗައިނާ އަށް ވަޑައިގަތީ ޗައިނާގެ ބެއްލްތް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގެ ދަށުން މަޝްރޫއުތައް ހިންގާ 130 ގައުމުގެ އިސްވެރިންނާއި މަންދޫބުން ޗައިނާއަށް ވަޑައިގެން އުޅުއްވާ ދަތުރުގައެވެ.

ބީއާރުއައި އަށް 10 އަަހރު ފުރުމާ ގުޅިގެން ބެއިންގައި ބާއްވާ ހަފްލާތަކުގައި މިސްރުގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގަންނަވާ އިރު، ހަވާސާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޝީ ވަނީ، މަޝްރަހު ފިނިކުރުމަށް މިސްރުން އަދާ ކުރާދައުރު ރަނގަޅު ކަމަށާއި، ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ކުރަމުން ގެންދާ މަސައްކަތް ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

މިސްރުން މިހާރު ވަނީ ރަފާ ބޯޑަރުން ގާޒާއަށް އެހީގެ ތަކެތި ވެއްދުމަށް އެއްބަސްވެފައެވެ. އެގޮތުން ވައްދާ ފުރަތަމަ ޝިޕްމަންޓް މާދަމަގެ ވަގުތެއްގައި ގާޒާއަށް ވެއްދުމަށްޓަކައި ރަފާ ކްރޮސިންއަށް އިޒްރޭލުން ދިން މިސައިލް ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މިރެއާއެކު އެ މަސައްކަތް ނިންމާ މާދަމާ ހުޅުވާލެވޭނެ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ރަފާ ބޯޑަރު ހުޅުވާލަން މިސްރު އެއްބަސް ކުރުމުގައި އެމެރިކާގެ ދައުރުވެސް ބޮޑެވެ. އެގޮތުން އެގައުމުގެ ރައީސް އިޒްރޭލަށް ކުރެއްވި 7 ގަޑިއިރުގެ ދަތުރު ނިންމްވާލައްވާ ވަޑައިގަންނަވަމުން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާ ފޯނުން ކުރެއްވި މަޝްވަރާގައި އެ ބޯޑަރު ހުޅުވާލަން އެއްބަސްވި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މާދަމާ ބޯޑަރު ހުޅުވާލާ އިރު ފުރަތަމަ ވައްދާނީ 20 ޓްރަކުގެ ސާމާނެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ބުނެފައި ވަނީ ގާޒާގައި މިވަގުތު ހާލުގައި ޖެހިފައި 2.2 މިލިއަން މީހުން ތިބި ކަމަށާއި ދުވާލަކު މަދުވެގެން 100 ޓްރަކްގެ ސާމާނު ވައްދައިގެން ނޫނީ މި މަރުހަލާގައި ކަންކަން ހަމަޖެއްސުމަށް ދަތިވާނެ ކަމަށެވެ.