ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އެއްކޮށް ހުސްވަމުން ދިޔަ ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި މި ސަރުކާރުން އެކަން ސިއްރު ކުރަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ ނިމިގެން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ ދައުލަތުގެ ރިޒާވްގެ ވާހަކަ ކަމަށެވެ.

އަދި އެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރި ނަމަވެސް އެކަން ސަރުކާރުން އޮޅުވާލައި ސިއްރު ކުރަމުންދާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް މިހާރު ވަނީ 68 މިލިއަން ޑޮލަރަށް ވެއްޓިފައި ކަމަށެވެ.

"ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މިހާރު އެއްކޮށް ހުސްވަނީ، 68 މިލިއަން ޑޮލަރަށް ވެއްޓުނު އިރު ސަރުކާރާއި އެމްއެމްއޭ އިން ދަނީ އެކަން ސިއްރު ކުރަމުން" ސައީދު ވިދާޅުވިއެވެ. އަދި މިއީ ރައީސް ސޯލިހުގެ ސަރުކާރުން މިގައުމު ވައްޓާލި ނުރައްކާތެރި ހާލަތެއް ކަމަށް ސައީދު ވަނީ ސިފަ ކުރައްވާފައެވެ.

އެމްއެމްއޭން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ސެޕްޓެމްބަރު މަހު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 592.74 މިލިއަށް ޑޮލަރެވެ. އެއީ މިއަހަރުގެ އޮގަސްޓް މަހު ރަސްމީ ރިޒާވްގައި ހުރި އަދަދަށް ވުރެ 101.44 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދިޔަ ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. ދެ އަހަރު ފަހުން ރާއްޖޭގެ ދަރަންޏަށް ބޮޑު އަދަދެއް ދައްކަން ޖެހޭއިރު ރިޒާވް ގައި އެ އަދަދަށް ފައިސާ ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރު ކޮށް ބުނަމުންނެވެ.